ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާއާ ގުޅިގެން ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ނަންފުޅު ހުށަހަޅައިފި އެވެ.

އަދީބުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީންގެ ނަންފުޅު ހުށަހެޅުއްވީ މާލެ އަތޮޅު ފަޅެއް 50 އަހަރަށް އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް ދޫކުރި މައްސަލާގަ އެވެ. އެ މައްސަލާގައި އަދީބުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ ނަންފުޅު ވެސް ވަނީ ހުށަހަޅާފަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ ސޯލިހު އާއި އެ މިނިސްޓްރީގެ ދެ ލީގަލް އޮފިސަރުން ކަމުގައިވާ ޝުހުދާ އާއި ފަސީހު ޒާހިރުގެ ނަން ވެސް ވަނީ ދިފާއީ ހެކީންގެ ގޮތުގައި އަދީބުގެ ފަރާތުން ހުށަހަޅުއްވާފައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމަށްޓަކައި އަދީބު މާލެ ގެންނަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ރައީސް ޔާމީން ހެއްގެ ގޮތުގައި ހުށަހެޅީ މާލެ އަތޮޅުގެ ފަޅު އެބޮނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައި ވަނީ ރައީސް ޔާމީންގެ ލަފާފުޅާއި ހުއްދަ ލިބިގެންކަން ސާބިތު ކުރުމަށް ކަމަށެވެ.

އަދި ޓޫރިޒަމް މިނިސްޓްރީގެ ލީގަލް އޮފިސަރުން ހުށަހެޅުއްވީ އެ ފަޅު ކުއްޔަށް ދޫކުރީ ގާނޫނީ ޓީމްގެ ލަފާގެމަތިންކަން ސާބިތުކުރުމަށް ކަމަށް ސިރާޖު ވިދާޅުވިއެވެ.

ދައުލަތުން ވެސް މިއަދު ވަނީ އަދީބުގެ މައްޗަށް އެ ދައުވާ ސާބިތުކުރަން ހެކި ހުށަހަޅާފައެވެ. އެގޮތުން ހަ މީހަކު ވަނީ ސިއްރު ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ.

އަދި ޑޮކިއުމެންޓްރީ ހެކީގެ ގޮތުގައި ގިނަ ލިޔުންތަކެއް ވެސް ދައުލަތުން މިއަދު ހުށަހަޅާފައިވެއެވެ.

އެބޮނީ ޕްރައިވެޓް ލިމިޓެޑަށް އެފަޅު ކުއްޔަށް ދޫކުރުމުން ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަށެވެ.

އަދީބާ ދެކޮޅަށް ހުށަހެޅި ޑޮކިއުމެންޓްރީ ހެކީގެ ތެރޭގައި އެކުންފުނީގެ އެކައުންޓުގެ ބޭންކު ސްޓޭޓްމަންޓު ވެސް ހިމެނެއެވެ.

އިސް ގާޒީ އަބްދުﷲ މުހައްމަދު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ މިއަދުން ފެށިގެން ރަސްމީ ދުވަސްތައް ހިމެނޭގޮތަށް 15 ދުވަސް ފަހުން ހެކިބަސް ނެގުމުގެ ޝަރީއަތުގެ މަޖިލީސް ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހުއެވެ.