08 Feb 2016, 09:21
"އާޝިގީ 2" އެކުގައި ކުޅުމަށްފަހު، އަދިތުޔާ ރޯއި އާއި ޝްރައްދާ ކަޕޫރު އަނެއްކާވެސް އެކުގައި ފެނިގެންދާނެ ކަމަށް އެ ދެތަރިން ވަނީ މީގެ ކުރިންވެސް ހާމަކޮށްފައެވެ.
އެގޮތުން އެދެތަރިން އެކުގައި ފެނިގެންދާ ފިލްމު "އޯކޭ ޖާނޫ" ގެ ޝޫޓިން އަންނަ މާޗު މަހަށް މިހާރު ވަނީ ޝެޑިއުލް ކުރެވިފައެވެ.
"އޯކޭ ޖާނޫ" އަކީ ތަމަޅަ ހިޓު ފިލްމެއް ކަމަށްވާ "އޯކޭ ކާމިނީ"ގެ ހިންދީ ރީމޭކު އެކެވެ.
ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އަދިތުޔާ ބުނީ، އޭނާގެ އާ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އެ ފިލްމުގައި ޝްރައްދާވެސް އޭނާ އާއެކު މަސައްކަތް ކުރާނެ ކަމަށެވެ.
"ޝާޑު އަލީ ޑައިރެކްޓު ކުރާ އެ ފިލްމުގެ މަސައްކަތް އަހަރެން އަންނަ މާޗު މަހު ފަށާނަން. އަހަރެން އަނެއްކާވެސް މަސައްކަތް ކުރާނީ ޝްރައްދާ އާއެކު..."، އަދިތުޔާ ބުންޏެވެ.
އާޝިގީ 2 ފަދައިން "އޯކޭ ޖާނޫ" އަކީވެސް ލޯބީގެ ފިލްމެކެވެ. އެ ފިލްމުގައި ފެނިގެންދާނީ ޒުވާން ދެ ލޯބިވެރިންގެ ދިރިއުޅުމުގައި ދިމާވާ އެކިއެކި މައްސަލަތަކެވެ.