08 Feb 2016, 14:31
އިރުވައިމޫސުމުގައި ރާއްޖޭގެ ރަށްތަކުން ފެން ހުސްވެ، ފެން ފޯރުކޮށްދޭން ޖެހޭތީ މިއަހަރުގެ އިރުވައި މޫސަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ތައްޔާރުވެފައިވާކަމަށް އެ ސެންޓަރުން ބުނެފިއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ތަސްނީމު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ތިން ރަށަކުން ބޯފެން ހުސްވެގެން، ފެން ފޯރުކޮށްދީފައިވާ ކަމަށެވެ. ފެން ހުސްވެގެން ފެން ފޯރުކޮށްދީފައި ވަނީ ނ. ހޮޅުދުއާއި އެއަތޮޅު މާޅެންދުއާއި ރ. އިންނަމާދޫ ކަމަށް އޭނާ ވިދާޅުވިއެވެ.
ތަސްނީމު ވިދާޅުވީ، ރަށްރަށް ފެން ފޯރުކޮށްދޭން ޖެހޭނެތީ ފެން އުފުލައިދޭ އުޅަނދުފަހަރު ދުއްވާ ފަރާތްތަކާއި އެކު ދުރާލައި އެއްބަސްވުންތައް ގާއިމްކޮށް ތައްޔާރުވެފައިވާ ކަމަށެވެ.
"...އަޅުގަނޑުމެން ހަމަ ކުރިއާލާ ކޮންޓްރެކްޓްކޮށްގެން ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ. ވަރަށް ބޮޑު ކޯޑިނޭޝަނެއްގެ ތެރެއިން މިކަން މިކުރެވެނީ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފެން ފޯރުކޮށްދިނުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފެން އުފުލައިދޭ ފަރާތްތައް މަދުކަމާއި އެކު ރަށްރަށުން ފެނަށް އެދެނީ ވަގުތު ކުޑަތަންވުމުން ކަމަށް ވުން ކަމަށެވެ.
"... ތިން ދުވަހަށް ވެފައި އޮއްވައި ފެނަށް އެދުނީމާ ދެން އަޅުގަނޑުމެނަށް ވަރަށް އުނދަގޫވާނެ މާލޭން ނުވަތަ އެއްވެސް ޕޮއިންޓަކުން ފެން އެރަށަށް ގެންދަން އެވަގުތުގެ ތެރޭގައި. އެހެންވީމާ މިފަހަރު އެކަން ކުޑަކުރުމުގެ ގޮތުން، ވަގުތު ސަލާމަތްކުރުމުގެ ގޮތުން ކުރިޔާލާ އަޅުގަނޑުމެން ކޮންޓްރެކްޓްކޮށްފައި މިއޮތީ ދެޕާޓީއަކަށް،" ތަސްނީމް ވިދާޅުވިއެވެ.
ރަށްރަށުގެ ރައްޔިތުން ފެނަށް ނުޖެހެނީސް ފެން ފޮނުވައިދިނުމަށް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގައި އެދުމަކީ ރަށުކައުންސިލްތަކުގެ ޒިންމާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ވަގުތު ކުޑަތަންވުމުން ފެން ފޯރުކޮށްދޭން ޖެހުމަކީ އެކަމަށް ހިނގާ ހަރަދު ބޮޑުވާ ކަމެއް ކަމަށެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ފޯރުކޮށްދޭ ފެނުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ތަސްނީމު ވިދާޅުވީ، ފެން އުފުލާ އުޅަނދު ތަކަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ( އެމްއެފްޑީއޭ)އިން ބަލައި، ސެޓިފައި ކޮށްފައިވާ އުޅަނދުތައް ކަމަށެވެ. އަދި ފެން އުފުލަން އެ އުޅަނދުތައް ތައްޔާރުކުރުމުން އެއެމްއެފްޑީއޭ އިން އުޅަނދުތައް އިންސްޕެކްޓް ކުރާ ކަމަށެވެ.