09 Feb 2016, 15:51
ކިޑްނީގެ ހާލަތު ބެލުމަށްޓަކައި ހަދަން ޖެހޭ ޓެސްޓްތައް ހެދުމަށް ފަހު ލިއޮނަލް މެސީ ބުދަ ދުވަހު އެނބުރި ޓީމާ ގުޅޭނެ ކަމަށް ބާސެލޯނާ ފުޓްބޯޅަ ކްލަބުން ބުނެފިއެވެ.
އެ ކުލަބުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ އާއި މިއަދު މެސީގެ ކިޑްނީގެ ހާލަތު ބެލުމަށްޓަކައި ހަދަންޖެހޭ ޓެސްޓް ތަކެއް ކުރިއަށް ދާނެ ކަމަށާއި އަދި އެއީ އެހާ ސީރިއަސް މައްސަލައެއް ނޫން ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހު އޮތް ފީފާ ކުލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުގެ ކުރިން ބަނޑަށް ތަދުވެ އެ މެޗުގައި ވެސް ކުޅެފައިނުވާ މެސީއާ ގުޅޭގޮތުން އޭނާގެ ޑޮކްޓަރުން ބުނެފައި ވަނީ އޭނާގެ ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށެވެ.
ފަހަކަށް އައިސް މެސީ އަށް ސިއްހީ ގިނަ މައްސަލަތައް ކުރިމަތިވަމުން އަންނަ އިރު އޭނާ އަކީ ބާސެލޯނާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އެޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނީ މެސީ އަކީ އެޓީމުގެ އިތުރުން ދުނިޔޭގެ ވެސް އެންމެ މޮޅު ކުޅުންތެރިއާއަށް ވުމުން އޭނާ ނެތްތަން ފޫބެއްދުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
ސްޕެނިޝް ކަޕްގެ ދެވަނަ ލެގްގައި ބުރާސްފަތި ދުވަހުގެ ރޭ ވެލެންސިއާއާ ދެކޮޅަށް ބާސާ ނިކުންނައިރު ފުރަތަމަ މެޗު ބާސާއިން ވަނީ 7-0ގެ ނަތީޖާ އަކުން ކާމިޔާބް ކޮށްފައެެވެ. އެހެންކަމުން އެ މެޗުގައި މެސީ އާއި ސީނިއާ ބައެއް ކުޅުންތެރިންގެ ބަދަލުގައި ޒުވާން ކުޅުންތެރިންނަށް ޖާގަ ލިބުމުގެ ފުރުސަތު ވެސް ބޮޑެވެ.