09 Feb 2016, 17:05
އެމްއެމްޕީއާރުސީ ގެ 1.22 ބިލިޔަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ރައީސް ޢަބްދުﷲ ޔާމީން ހައްޔަރުކުރުމަށް އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކީ ސައްހަ އަމުރެއް ނޫން ކަމަށް ބުނެ ފުލުހުން އެ ކޯޓުގެ މެޖިސްޓްރޭޓް ހައްޔަރު ކުރުމުން އިދިކޮޅު އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަޙްމަދު ނިހާން އެވެ.
އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް ކޯޓަކުން ވަކި މައްސަލައެއް ނިންމެވި ގޮތެއްގެ ސަބަބުން ފަނޑިޔާރަކު ހައްޔަރުކުރިކުރުމެއްކަން ސަރުކާރުން ފާޅުގައި ވިދާޅުވެ ފަނޑިޔާރަކު ހައްޔަރުކުރި ފުރަތަމަ ފަހަރުކަމަށެވެ.
އަދ މަތީ ކޯޓެއްގައި މެޖިސްޓްރޭޓް ކޯޓުގެ އަމުރު އިސްތިއުނާފު ކުރުމެއްނެތި ފުލުހުންގެ މުއައްސަސާ އިން އެ އަމުރަކީ ސައްހަ އަމުރެއް ނޫން ކަމަށް ކަނޑައެޅުމުން، ކޯޓުގެ ނިންމުންތަކަށް އިހްތިރާމް ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުމާ އަތާރުޒުވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.