09 Feb 2016, 16:54
ރާއްޖެ ވަށައި ބުރު ޖެހުމަށް ދަތުރު ފަށާގައިވާ އަބްދުލްގަފޫރު އަލީ (ގައްބެ)، މާލެ އިން ފުރިތާ 10 ވަނަ ދުވަހު ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ އަށް މިއަދު ފޯރައިފި އެވެ.
ގައްބެގެ މީޑިއާ ޓީމުން މިއަދު ސަން އަށް ބުނީ ގައްބެ އައްޑޫ ސިޓީގެ ހިތަދޫއާ ހަމައަށް ފޯރީ މިއަދު ހަވީރު 4 ޖަހާ އެހާކަންހާއިރު ކަމަށާއި ގައްބެ ހިތަދުއަށް ވެއްދީ ކޯސްޓްގާޑުން އެސްކޯޓުކޮށްގެން ކަމަށެވެ.
އޭނާ ބުނީ އައްޑޫ ސިޓީ އިން ވެސް ގައްބެ އަށް ހޫނު މަރުހަބާއެއް ކިޔި ކަމަށާއި މި ރޭ ގައްބެ މަޑު ކުރަނީ ހިތަދޫގައި ކަމަށެވެ. ނަމަވެސް އެނބުރި އުތުރަށް ދަތުރު ފައްޓާނެ އިރެއް އަދި ނުނިންމާ ކަމަށް އޭނާ ބުންޏެެވެ.
އޭނާ ބުނީ ގައްބެ ޓީމުން ހިތަދު އާއި އައްއްޑޫ ސިޓީގެ ފޮޓޯ އާއި ވީޑިއޯ ނަގައި ޑޮކިއުމެންޓްރީތައް ނަގާނެ ކަމަށެވެ.
ގައްބެ ޓާގެޓަކީ 23 ދުވަހުގެ ތެރޭގައި ރާއްޖެ ވަށައި ދަތުރުކޮށް ނިންމުމެވެ. ނަމަވެސް މޫސުން ތަން ނުދިނުމުން ލ. ފޮނަދޫގައި ދެރޭ އޭނާ މަޑު ކުރަން ޖެހުނެވެ. އަދި މުޅި ދަތުރުން އުންމީދު ކުރި ވަރަށް ވުރެ ދެ ތިން ދުވަސް ފަހަށް ޖެހިފައިވާ ކަމަށް ގައްބެގެ ޓީމުން ބުންޏެވެ. ނަމަވެސް އެ ޓީމުން ބުނީ ޖުމްލަ 23 ދުވަސް ނިމުމުގެ ކުރިން އެ ބުރު ނިންމުމަށް ގައްބެ އާއި ޓީމުން އުންމީދު ކުރާ ކަމަށެވެ.
ގައްބެ ރޭ މަޑު ކުރީ ފުވައްމުލަކުގަ އެވެ. އެ ރަށުން ވެސް އޭނާ އަށް ވަނީ ރަނގަޅު މެހުމާންދާރީއެއް އަދާކޮށްފަ އެވެ. އައްޑު އަށް ދިއުމަށް ގައްބެ ފުވައްމުލަކުން ފުރީ މިއަދު މެންދުރެއްހާ އިރު އެވެ. އެ ދަތުރަށް ހަތަރު ގަޑި އިރު ވަރު ނެގި ކަމަށް ޓީމުން ބުންޏެވެ. ވައި ހުރީ ހަތަރު ނޯޓިކަލް މޭލާއި ފަސް ނޯޓިކަލް މޭލުގެ ބާރުމިނުގަ އެވެ.

ގައްބެ ފުވައްމުލަކު ބަންޑާރަ ކިޅީގައި --