ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ސައްޚަ ނޫން ކޯޓު އަމުރެއް ނެރުމަށް މިދިޔަ އާދިއްތަ ދުވަހުގެރޭ މުހުތާޒު އދ. މާމިގިއްޔަށް ގޮސްފައިވާ ކަމަށް ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފާހަގަކުރެވުނު ނުކުތާތަކުގައި ބުނެފި އެވެ.

މި ނުކުތާތަކަކީ ކ. މާފުށީ މެޖިސްޓްރޭޓު ކޯޓުގެ ނަމުގައި އދ. މާމިގިލީ މެޖިސްޓްރޭޓު ކޯޓުން އެ ލިޔުން ތައްޔާރުކުރި މައްސަލާގައި މުހުތާޒް ހައްޔަރުކޮށްފައި ވަނިކޮށް، އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދީ ކްރިމިނަލް ކޯޓުން މުހުތާޒް ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިރޭ ކުރި އަމުރުގައިވާ ނުކުތާތަކެކެވެ.

އެ އަމުރުގައި ފާހަގަކުރެވިފައިވާ ނުކުތާތަކަކީ ޝަރީއަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަޔާންކޮށް މައްސަލަ ބެލި ފަނޑިޔާރުންނަށް ފާހަގަކުރެވުނު ނުކުތާތަކެކެވެ.

މުހުތާޒު (މ) ހައްޔަރުކޮށްގެން މިރޭ ދޫނިދޫ އަށް ގެންދިއުމުގެ ތެރެއިން: ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނުކުތާތަކުގައި ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ވެރިކަން ވައްޓާލުމަށް ކޯޓު އަމުރު ހޯދުމަށް ޓަކައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 12:45 އެހާކަންހާއިރު ލޯންޗެއްގައި މާލެއިން ފުރައިގެން މުހުތާޒު މާމިގިއްޔަށް ގޮސް އެރަށުގެ މެޖިސްޓްރޭޓަކާ ގުޅިގެން މާމިގިލި މެޖިސްޓްރޭޓް ކޯޓު ހުޅުވައިގެން ރައީސް ޔާމީން ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް މުހުތާޒު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އޭގައި ބުނެފައި ވަނީ މުހުތާޒު ދޫކޮށްލާފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށެވެ. އަދި ބުނީ އޭނާ ދޫކޮށްލާފައި ބެހެއްޓުމުން މައްސަލައިގެ ހެކިބަސްދޭން ހުރި ފަރާތަކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމަށް މަސައްކަތް ކޮށްފާނެ ކަމަށެވެ.

ފަނޑިޔާރުންނަށް ފާހަގަކުރެވުނު ނުކުތާތަކުގައި ބުނެފައި ވަނީ ގާނޫނާއި ހިލާފަށް ކޯޓު އަމުރެއް ތައްޔާރުކޮށް އެ އަމުރަކީ ސައްހަ އަމުރެއް ކަމުގައި ދައްކައިގެން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ގާނޫނު އަސާސީއާ ގާނޫނުތަކުން ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅޭ ފަދަ ގޮތަކަށް މަސައްކަތް ކުރުމަކީ ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާ ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.

ނުކުތާތަކުގައި ބުނެފައި ވަނީ އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލި ދައުލަތުގެ ނިޒާމު އާއްމަށް ބުރޫއަރައިގެން ދިއުމުގެ އިހްތިމާލު އެބައޮތް ކަމަށެވެ.