ވޮޝިންޓަން (ފެބްރުއަރީ 10): އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ސާފު ހަކަތަ ބޭނުންކުރުމުގެ ޕްލޭން ހުއްޓުމަކަށް ގެނައުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އިއްޔެ ނިންމައިފި އެވެ.

ސާފު ހަކަތަ ބޭނުންކުރުމުގެ ގޮތުން ހަކަތަ އުފައްދާ ފެކްޓަރީތަކުން ބޭރުކުރާ ކާބޮންޑައިއޮކްސައިޑްގެ މިންވަރު ދަށް ކުރުމަށް މަޖުބޫރު ކުރުވާނެ ގަވާއިދު ވަގުތީ ގޮތުން ހުއްޓުވަން ސުޕްރީމް ކޯޓުން ނިންމީ އެމެރިކާގެ 27 ސްޓޭޓަކާއި ބައެއް އަމިއްލަ ކުންފުނިތަކުގެ އެދުމުގެ މަތިންނެވެ.

ރައީސް އޮބާމާގެ ޕްލޭނާ ދެކޮޅު ހަދާ ފަރާތްތަކުން ބުނާ ގޮތުގައި އެ ގަވާއިދަކީ އެމެރިކާގެ ސްޓޭޓްތަކަށް ލިބިދީފައިވާ ހައްގުތަކާ ދެކޮޅަށް ހަދާފައިވާ ގަވައިދެކެވެ. އެހެން ކަމުން ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެ ޕްލޭނާ ބެހޭ ހުރިހާ ގާނޫނީ މައްސަލަތައް ބެލުމަށް ފަހު ޕްލޭން ކުރިއަށް ގެންދިޔުމާ މެދު ގޮތެއް ނިންމުމަށެވެ.

އޮބާމާގެ ސާފު ހަކަތަ ބޭނުންކުރުމާ ބެހޭ ޕްލޭންގެ އަމާޒަކީ 2030 އަންނަންވާއިރަށް އެގައުމުން ޖައްވަށް ބޭރުކުރާ ކާބަންގެ މިންވަރު 32 ޕަސެންޓަށް ދަށްކުރުމެވެ. (ރޮއިޓާސް)