11 Feb 2016, 11:58
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ)ގައި ގުދަންކުރާ ބަނގުރާ ގުދަން ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ކަސްޓަމްސްގެ ސީނިއާ ސުޕްރިޓެންޑެންޓް އަހުމަދު ނިޔާޒު "ސަން" އަށް މިއަދު ވިދާޅުވި ރާ ގުދަންތައް ހުޅުމާލޭގައި ހުންނަ އެމްޕީއެލްގެ ޕޯޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އެސަރަހައްދުގައި ސެކިއުރިޓީ ހުރިހާ މިންގަނޑުތަކެއް ގާއިމްކޮށްފައި އެތާގައި ރާ ބަހައްޓާނީ." ނިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގުދަން ހުޅުމާލެއަށް ބަދަލުކުރުމާ އެކު ރިސޯޓްތަކަށް ގެންދާ ރާ ފަދަތަކެތި ދޫކުރަމުން ދާނީ ހުޅުމާލެ އިން ކަމަށެވެ.
އެމްޕީއެލް އާއި ކަސްޓަމްސް ގުޅިގެން އެ މަސައްކަތް ކުރަމުންދާއިރު އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ ރާ ގުދަން ނުވަތަ ބޮންޑެޑް ވެއާ ހައުސް ހުޅުމާލޭގައި ހުންނަ އެކުންފުނީގެ ޕޯޓަށް ބަދަލު ކުރުމުގެ މަސައްކަތް އަންނަ މާޗްމަހުގެ ތެރޭގައި ނިންމާލެވެނެ ކަމަށެވެ.
އެމްއޭސީއެލްގެ މެނޭޖާ ކޯޕަރޭޓް ކޮމިއުނިކޭޝަން، ހަސަން އަރީފް މިއަދު ސަން އަށް ވިދާޅުވީ ރާގުދަންތައް ހުޅުމާލެއަށް ބަދަލު ކުރުމަށް ނިންމާފައި ވަނީ އެއާޕޯޓުގައި މިހާރު ހުރި ރާ ގުދަން ހުރި ޖާގަ އާ ރަންވޭ އާއި ޓާމިނަލް އެޅުމަށް ބޭނުންވާތީ ކަމަށެވެ.