ނޭޕާލްގެ ކަތަމަންޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިން ދުވަހުގެ ޓްރެއިނިން ކޭމްޕަކަށް ރާއްޖޭގެ ޒުވާން އެއް ފެތުންތެރިން ކަމަށްވާ އައިމިނަތު ޝަޖަން އަދި އާއިޝަތު ސާޖިނާ ފުރައިފި އެވެ.

އިންޑިއާގައި ކުރިއަށްދާ 12 ވަނަ ސައުތު އޭސިއަން ގޭމްސްގައި ވާދަކުރުމަށް ފަހު އިއްޔެގެ ވަގުތެއްގައި އެ ދެފެތުންތެރިން ނޭޕާލަށް ގޮސްފައިވާ އިރު ކަތަމުންޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޭމްޕް ކުރިއަށް ދާނީ ތިން ދުވަހުގެ މުއްދަތަކަށް ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެ އެވެ.

އެ ދެ ފެތުންތެރިން ތަމްރީން ކުރިއަށް ގެންދާ އިރު އެ ކޭމްޕްގައި ތައިލެންޑްގެ ހައި ޕާފޮމަންސް ޓްރެއިނިންގް ސެންޓަރުގެ އެސިސްޓަންޓް ކޯޗުގެ އިތުރުން ސައުތު އޭޝިއާ ސަރަޙައްދުން މި ޓްރެއިނިންގް ސެންޓަރުގައި ފަރިތަކުރުންތައް ފުރިހަމަކުރަމުންގެންދާ ބައެއް ފެތުންތެރިން ވެސް ބައިވެރިވާނެ އެވެ.

އެ ކޭމްޕް ނިންމުމަށް ފަހު ނޭޕާލުން މި ދެ ފެތުންތެރިންގެ ތަމްރީންތައް ފުރިހަމަކުރުމަށް އެނބުރިދާނީ ތައިލެންޑަށް ކަމަށް ވެސް ސުވިމިން އެސޯސިއޭޝަނުން ބުނެ އެވެ.

ސަޖަން އަދި ސާޖިނާ ވަނީ މިފަހަރުގެ ގޭމްސަގައި ރާއްޖޭގެ ގައުމީ ތިން ރެކޯޑެއް އާ ކޮށްފަ އެވެ. އަދި ޓީމް ރިލޭ އިވެންޓުން ދިވެހި ރާއްޖޭގެ ތިން ގައުމީ ރެކޯޑެއް އާކުރުމުގައި މިދެފެތުންތެރިންގެ ޙިއްސާ ބޮޑެވެ.

މީގެ އިތުރުން ސަޖަން ވަނީ މިމުބާރާތުގައި ރާއްޖެއަށް ލިބުނު ފުރަތަމަ މެޑަލް ވެސް ހޯދާދީފަ އެވެ. އެއީ އަންހެނުންގެ 800 މީޓަރު ފްރީ ސްޓައިލް ފެތުމުން ތިން ވަނަ ހޯދައިގެން ހޯދި ލޯ މެޑަލްއާ އެކު އެވެ. އެއީ މިފަހަރުގެ މުބާރާތުގައި ރާއްޖެއަށް ލިބުނު ފުރަތަމަ މެޑަލްގެ އިތުރުން ސުވިމިންގެ ތާރީހުގައި ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަން ވެސް ފާހަގަކޮށްލެވެ އެވެ.