އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސަންޑަލޭންޑް އަތުން 1-2ގެ ނަތީޖާ އަކުން މެންޗަސްޓާ ޔުނައިޓެޑް ބަލިވެ ކޯޗު ލުއިސް ވެން ހާލް އަށް އިތުރު ހާސްކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އެ ބައްޔާ އެކު ޔުނައިޓެޑް އޮތީ 41 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ. ހަތަރުވަނާގައި އޮތް މެންޗެސްޓާ ސިޓީ އަށް 47 ޕޮއިންޓް ލިބިފައިވާ އިރު ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދި ސަންޑަލޭންޑް އޮތީ 23 ޕޮއިންޓާއެކީ ލީގުގެ ފުލުން ދެވަނާގަ އެވެ.

ޕްރިމިއަ ލީގްގައި މިރޭ ސަންޑަލޭންޑް އާއި ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު ލުއިސް ވެން ހާލް ބުނީ އެ މެޗުން ބަލިވުމުން ގަދަ ހަތަރެކަށް އެރުމުގެ ފުރުސަތު އެ ޓީމަށް ގެއްލިއްޖެ ކަމަށާއި ޗެމްޕިއަންސް ލީގްގެ ޖާގައެއް ހޯދުމަށް އެހެން މަގެއް ހޯދަން ޖެހިފައިވާ ކަމަށެވެ.

"ޔުނައިޓެޑަށް ޗެމްޕިއަންސް ލީގްގެ ފުރުސަތަށް ދެން ލިބެން އޮތް އެންމެ ރަނގަޅު ގޮތަކީ ޔޫރަޕާ ލީގް ކާމިޔާބުކުރުން. ސަބަބަކީ ލީގްގެ ގަދަ ހަތަރެކަށް އެރުމަށް ކުރިއަށް ހުރީ ވަރަށް އުނދަގޫ މެޗުތަކެއް،" ވެން ހާލް ބުންޏެވެ.

ސަންޑަލޭންޑްގެ ދަނޑުގައި ކުޅުނު އެ މެޗުގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ތިންވަނަ މިނެޓްގައި ސަންޑަލޭންޑްގެ ވައްބީ ހަޒްރީގެ ގޯލުން އެޓީމަށް ވަނީ މެޗުގެ ލީޑު ނަގާފަ އެވެ. އޭނާ އެ ލަނޑު ޖެހީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ.

ޕްރިމިއަ ލީގްގައި މިރޭ ސަންޑަލޭންޑް އާއި ޔުނައިޓެޑް ކުޅުނު މެޗުގައި މާޓާ އަތުން ބޯޅަ ހޯދުމަށް ސަންޑަލޭންޑްގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިނީ 39 ވަނަ މިނެޓްގައި ފްރާންސް ފޮވާޑް އެންތަނީ މާޝިއަލްގެ ގޯލުންނެވެ.

މި މެޗުގައި ސަންޑަލޭންޑަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިން ގޯލަކީ ޔުނައިޓެޑްގެ ކީޕަރު ޑެހެޔާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ނަމަވެސް އެ މެޗުގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެ އެވެ.