މޭލެޝިއާ ސްޕަލީގްގައި ޕީޑީއާރުއެމް އިން ކުޅުނު ފުރަތަމަ މެޗުގައި އަލީ އަޝްފާގު(ދަގަނޑޭ) ކާމިޔާބުކުރި ހަމަ އެކަނި ގޯލާއި އެކު 1-0ގެ ނަތީޖާ އަކުން ސަރަވަކް ބަލިކޮށް ފެށުން ރަނގަޅު ކޮށްފި އެވެ.

ސްޕަލީގްގެ މި އަހަރުގެ ސީޒަން ރޭ ފަށާފައިވާ އިރު ޕީޑީއާރުއެމް އިން ސްޓޭޑިއަމް މެލްކާގައި ކުޅުނު އެމެޗުގައި އެ ޓީމު މޮޅު ކޮށްދިން ގޯލު ދަނގަޑޭ ކާމިޔާބުކުރީ މެޗުގެ 76 ވަނަ މިނެޓްގަ އެވެ.

ސްޕަލީގްގައި ޕީޑީއާރުއެމް އާއި ސަރަވަކް ކުޅުނު މެޗުގައި ދަގަނޑޭ ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އަޝްފާގު/ އެފްބީޕޭޖް

ލީގްގައި ކޮންމެ ޓީމަކުން އެއް މެޗު ކުޅެފައިވާއިރު ތާވަލުގެ ދެވަނަ ޕީޑީއާރުއެމް އަށް ލިބެނީ ތިން ޕޮއިންޓާ އެކު ފައިދާ އެއް ގޯލާއެކު އެވެ. އެއްވަނާގައި ފެލްޑާ ޔުނައިޓެޑް އޮތީ ރޭ ކުޅުނު މެޗު ކެޑާހް އެފްއޭގެ މައްޗައް 2-0ގެ ނަތީޖާ އަކުން ކުރި ހޯދައިގެން ފައިދާ ދެ ގޯލާއެކު އެވެ.

ޕީޑީއާރުއެމް އިން މިދިޔަ ސީޒަން 35 ޕޮއިންޓާ އެކު ތާވަލުގެ 6 ވަނާގައި އޮވެ ނިންމާލި އިރު މި އަހަރުގެ ސީޒަނާ އެ ޓީމު ކުރިމަތިލާފައި ވަނީ ޓީމު އިތުރަށް ވަރުގަދަކޮށްގެން ފާހަގަ ކޮށްލެވެ އެވެ. އެ ގޮތުން މިދިޔަ ސީޒަނުގައި ޖޯހަރު އެފްސީ އަށް ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު އެންޑަޒީނިއޯ ވިލިއަމްސް ދަ ސިލްވާ ވެސް ވަނީ އެ ޓީމަށް ގެންގޮސްފަ އެވެ.