14 Feb 2016, 15:46
ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލުން، ރެއާލްމެޑްރިޑް 4-2ގެ ނަތީޖާ އަކުން އެތްލެޓިކް ބިލްބާއޯ ބަލިކޮށް ލީގުގެ ދެވަނައަށް ޖެހިލައިފި އެވެ.
އެ މޮޅާ އެކު ރެއާލް ލީގުގެ ދެވަނާގައި އޮތީ 53 ޕޮއިންޓާއެކީގަ އެވެ. ރެއާލް އަށް ވުރެން އެއް މެޗު މަދުން ކުޅެ 51 ޕޮއިންޓާ އެކު ތިން ވަނާގައި އެތުލެޓިކޯ މެޑްރިޑް އޮތް އިރު އެއް ވަނާގައި 54 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ. ރޭގެ މެޗުން ބަލިވި އެތުލެޓިކޯ ބިލްބާއޯ އޮތީ 35 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ ބިލްބާއޯ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ރެއާލްގެ ސެނެތިއާގޯ ބާނަބިއުގައި ކުޅުނު އެ މެޗުގެ ތިން ވަނަ މިނެޓްގައި ކަރިމް ބެންޒެމާ ތަނަވަސް ކޮށްދިން ފުރުސަތަކުން ރޮނާލްޑޯ ވަނީ ރެއާލް އަށް ލީޑް ނަގާދީފަ އެވެ. ރެއާލް އިން ލީޑް ނެގިތާ ހަތް މިނެޓްފަހުން ބިލްބާއޯގެ އެރާސޯ ގޮނީ ވަނީ އެ ޓީމަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
އެ ގޯލަށްފަހުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި ރެއާލް އިން ފުރުތަމަ ހާފް ނިމުމުގެ ކުރިން ދެ ގޯލުގު ލީޑެއް ނެގި އިރު އެ ދެ ގޯލް ރެއާލްއަށް ކާމިޔާބުކޮށްދިނީ ހަމޭޒް ރޮޑްރިގޭޒް އާއި ޓޯނީ ކްރޫސްއެވެ. ރެއާލްގެ ހަތަރުވަނަ ގޯލް މެޗުގެ 87 ވަނަ މިނެޓްގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން އިރު ބިލްބާއޯގެ ދެވަނަ ގޯލް މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އާކޯލާ އެވެ.

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ ބިލްބާއޯ ކުޅުނު މެޗުގައި ޓޯނީ ކްރޫސްގެ ގޯލަށް ފައު ރެއާލްގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
އެ މެޗުގެ 83 ވަނަ މިނެޓުގައި ރިއަލް މެޑްރިޑްގެ ރަފައޭލް ވަރޭން އަށް ދެ ރީނދޫ ކާޑާއެކު ރެފްރީ ވަނީ ރަތް ކާޑެއް ދައްކާފަ އެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ބިލްބާއޯގެ އަޑޫރިޒް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ އެ މެޗުން ލިބުނު މޮޅަކީ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގްގައި ރޯމާއާ ދެކޮޅަށް ނިކުތުމުގު ކުރިން ލިބުނު މުހިންމު މޮޅެއް ކަމަށެވެ.
"ރޯމާއާ ދެކޮޅަށް ނިކުތުމުގެ ކުރިން ޓީމް މިވަނީ ހުރިހާ ގޮތަކުން ވެސް ވަރަށް ވަރުގަދަވެފައި. ކުޅުންތެރިންގެ ފިޓްނަސް ވެސް ވަރަށް ރަނގަޅު،" ޒިދާން ބުންޏެވެ.