މާފަންނުގައި ތަރައްގީކޮށްފައިވާ އާޓިފިޝަލް ބީޗް، "ރަސްފަންނު"ގެ މޫދުން ކިލަނބުކަން ފިލަން ދުވަސްކޮޅެއް ނަގާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ރަސްފަންނު ބީޗަށް މޫދަށް އެރެން މީގެ ދެތިން ދުވަސް ކުރިން އާންމުންނަށް ހުޅުވާލާފައިވާ އިރު، އެތަނުގެ މޫދުގައި ކިލަނބުކަމެއްވާކަން އެ ސަރަހައްދަށް މޫދަށް އެރޭ މީހުން ފާހަގަކުރެ އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުއްތަލިބު "ސަން" އަށް ވިދާޅުވީ، އެ ސަރަހައްދުން ކިލަނބުކަމެއް ފެންނަނީ ފަސް އަލައިގެން ހަދާފައިވާ ތަނަކަށް ވާތީ ކަމަށާއި މޫދަށް އެރި އުޅެން ފަށައިގެން ދުވަސްކޮޅެއްވާ އިރު އެ ކިލަނބުކަން ފިލާނެ ކަމަށެވެ.

މުއްތަލިބު ވިދާޅުވީ މި ދުވަސްވަރު ކަނޑު މަޑުވުމުން ވެސް އެތަނުގައި އޮއި ބަދަލުވުން ލަސްވާނެ ކަމަށެވެ. ނަމަވެސް ކިލަނބުކަން މާ ގިނަދުވަހެއް ނުވެ ފިލާނެކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދުގެ ފެނުގައި އެއްވެސް މައްސަލައެއް ނުހުންނާނެ ކަމަށާއި އާންމުންނަށް އެތަން ހުޅުވާލީ ވެސް ގިނަ ޓެސްޓްތަކެއް ހެދުމަށްފަހުގައި ކަމަށެވެ.

ރަސްފަންނު ބީޗް ހުޅުވުމާ އެކު އެ ސަރަހައްދަށް މާލޭގައި ދިރިއުޅޭ އެތައް ބަޔަކު މޫދަށް އެރި ހިތްފަސޭހަ ކޮށްލުމަށްދެ އެވެ.