ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާލީ ބަޔާން ހުށަހަޅުއްވާތޯ ބެލުމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އޮޑިޓާ ޖެނެރަލު ހަސަން ޒިޔަތަށް ހުށަހަޅުއްވައިފި އެވެ.

އާޒިމް "ސަން" އަށް މިއަދު ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ކޮންމެ ބޭފުޅަކު ވެސް އެ ބަޔާން ހުށަހަޅުއްވަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މުޅި ގައުމުގައި މި ދުވަސްވަރު ދެކެވެމުން އަންނަނީ ރައީސް ޔާމީން ރައްޔިތުންނަށް އޮޅުވާލަމުން އަންނަ ވާހަކަތައް ކަމަށެވެ. އަދި އެފަދަ ވާހަކައެއް އޭނާގެ ދުލުން [އާޒިމްގެ ދުލުން] ބޭރު ކުރުމުގެ ކުރިން އެއީ ކިހާވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއްތޯ ބެލުމަށް ބޭނުންވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުމީ އަޅުގަނޑުގެ ދުލުން އެފަދަ ވާހަކައެއް ބޭރު ކުރުމުގެ ކުރިން އެކަމުގެ ހަގީގަތް ހޯދާ، އެއީ ކިހާވަރެއްގެ ތެދެއްތޯ ބަލަން. ކޮންމެ އަހަރަކު ވެސް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވަން ޖެހޭނެ އޮޑިޓާ ޖެނެރަލަށް މާލީ ބަޔާން،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުރި ރައީސް ޔާމީންގެ އެކައުންޓެއްގައި ގިނަ އަދަދެއްގެ ފައިސާ އެބަހުރި ކަމަށް ވާހަކަތައް ދެކެވޭ ކަމަށެވެ. އަދި އޮޑިޓާ ޖެނެރަލަށް ރައީސް ޔާމީން ހުށަހަޅުއްވާފައިވާ މާލީ ބަޔާނާއި އެ އެކައުންޓުގައި ހުރި ފައިސާގެ އަދަދު ދިމާވޭތޯ ބެލުމަކީ ރައްޔިތުންނަށް އެނގެންޖެހޭނެ އެއްޗެއް ކަމަށެވެ.

ގާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ބުނެފައި ވަނީ ކޮންމެ އަހަރަކު ވެސް ރައީސުލްޖުމްހޫރިއްޔާ އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.