އިންޑިއާގެ މަޝްހޫރު ހޮސްޕިޓަލުތަކުގެ ތަޖުރިބާކާރު ޑޮކްޓަރުންނާ އެކު އައިޖީއެމްއެޗުގައި ކޭމްޕެއް ފަށައިފި އެވެ.

އައިޖީއެމްއެޗްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޭމްޕު ފައްޓަވައި ދެއްވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އަދި އައިޖީއެމްއެޗުގެ ސީއީއޯ ބްރެގޭޑިއާ ޖެނަރަލް ފަރުހަތު ޝަހީރެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިޝްރާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އަތޮޅުތަކުގައި ވެސް މިފަދަ ކޭމްޕުތައް ހިންގާނެ ކަމަށެވެ.

އައިޖީއެމްއެޗްގައި މެޑިކަލް ކޭމްޕު ފެށުމުގެ ރަސްމިއްޔާތުގައި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އައިޖީއެމްއެޗްގެ މެޑިކަލް ކޭމްޕް ކުރިއަށްދާނީ މިއަދުން ފެށިގެން މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެ ކޭމްޕުގައި އިންޑިއާގެ ސްޕެޝަލިސްޓު ޑޮކްޓަރުން ބަލި މީހުން ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.

ހިލޭ ކުރިއަށް ގެންދާ ކޭމްޕުތަކުގައި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި ކިޑްނީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ އިތުރުން ކުޑަކުދިންގެ ކަށީގެ މައްސަލަތަކަށް ހާއްސަ ޑޮކްޓަރަކު ވެސް ބައިވެރިވެ އެވެ.

ޑޮކްޓަރުން ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައިވާ ދުވަސްތައް:

  • ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ބައްލަވާނީ ފެބްރުއަރީ 14 އިން 16 އަށް.
  • ކިޑްނީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ބައްލަވާނީ ފެބްރުއަރީ 15 ން 16 އަށް.
  • ކުޑަކުދިންގެ ކަށީގެ މައްސަލަތަކަށް ހާއްސަ ޑޮކްޓަރު ބައްލަވާނީ ފެބްރުއަރީ 16 އިން 18 އަށް.

ކޭމްޕުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދެއްގެ މީހުން ނަން ނޯޓުކޮށްފައިވާ ކަމަށާއި، ކޭމްޕު ކުރިއަށް ގެންދަން ނިންމި ދުވަސްވަރަކީ ސްކޫލުތަކުގެ ކިޔެވުން ކުރިއަށްދާ ދުވަސްވަރަކަށް ވުމުން އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މާލެ އައުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

އައިޖީއެމްއެޗްގައި މެޑިކަލް ކޭމްޕު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އައިޖީއެމްއެޗް އިން ބުނީ މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑިވްސް (ފެއިމް)ގެ ރައީސާ ވިދާޅުވީ އައިޖީއެމްއެޗްގައި މިއަދު ފެށުނު ކޭމްޕަކީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ދިއުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ސިއްހީ ފަރުވާ އާއި އެހީތެރިކަން ހޯދުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.

އެ ކޭމްޕަކީ "އިންޑިއާ - މޯލްޑިވްސް ހެލްތު އެންޑް ވެލްނެސް ވީކް"ގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ. އައިޖީއެމްއެޗްގައި ކުރިއަށްދާ ކޭމްޕުގެ އިތުރުން އިންޑިއާގެ 18 ހޮސްޕިޓަލަކުން 20 އަށް ވުރެ ގިނަ ސްޕެޝަލިސްޓް ޑޮކްޓަރުންނާ އެކު ދަރުބާރުގޭގައި ވެސް އެކްސްޕޯ އެއް ކުރިއަށް އެބަ ދެ އެވެ.

އިންޑިއާ ހެލްތު އެކްސްޕޯ 2016 އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ހަމަ އެއާ އެކު، "އިންޑިއާ - މޯލްޑިވްސް ހެލްތު ޕާޓްނަޝިޕް ޑައިލޮގް"ގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމާފަ އެވެ.