ޝާހުރުކްހާންގެ ފިލްމު "ރައީސް"ގެ މަންޒަރުތައް ނެގުމުގެ މަސައްކަތް އިންޑިއާގެ އަހުމަދު އާބާދުގައި ކުރިއަށް ދަނިކޮށް އޭނާގެ ކާރަށް ބަޔަކު ހަމަލާ ދީފި އެވެ.

ހޮޓަލެއްގައި ޕާކުކޮށްފައި ވަނިކޮށް، ޝާހުގެ ކާރަށް ހަމަލާ ދިނީ ސައިކަލުތަކެއްގައި އައި 10 ވަރަކަށް މީހުންގެ ގުރޫޕަކުން ކަމަށް ހަބަރުތައް ބުނެ އެވެ. އެގޮތުން އެމީހުން، އެ ކާރަށް ގާ އުކައި، ޝާހުގެ ފިލްމު ބޮއިކޮޓު ކުރުމަށް ގޮވާލި ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ހަބަރުތައް ބުނާ ގޮތުން، ޝާހުގެ ކާރަށް އެމީހުން ހަމަލާ ދިނީ ޝާހު އަހުމަދު އާބާދުގައި ވެސް ނެތް ވަގުތެއްގަ އެވެ. އަދި އެ ކާރަށް ހަމަލާދިނީ އިންޑިއާގެ އިންޓަނޭޝަނަލް ހިންދޫ އޯގަނައިޒޭޝަން އެއްގެ މެމްބަރުންތަކެއް ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

އަދި ޝާހުގެ ކާރަށް ގާއުކި ގުރޫޕުގެ ހިމެނޭ 10 މީހުންފެ ތެރެއިން ތިން މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

މި އަހަރު ތެރޭގައި ރިލީސް ކުރުމަށް ހަމަޖެހިފައިވާ ފިލްމު "ރައީސް"ގައި ޝާހުގެ އިތުރުން ޕާކިސްތާނުގެ މަޝްހޫރު ބަތަލާ މާހިރާ ޚާން އާއި ނަވާޒުއްދީން ސިއްދީގީ ވެސް މުހިއްމު ރޯލުތަކެއް އަދާކުރެ އެވެ.