ލިއޮނަލް މެސީ އޭނާގެ ކެރިއަރުގައި 300 ވަނަ ގޯލު ޖަހަން ލިބުނު ޕެނަލްޓީ، ގޯލަށް ޖެހުމުގެ ބަދަލުގައި ލުއިސް ސުއަރޭޒްގެ ހެޓްރިކް ފުރިހަމަ ކުރުމަށް އޭނާއަށް ބޯޅަ ޕާސްކޮށްލައި މީޑިއާގެ ސަމާލުކަން ހޯދައިފިއެވެ.

މެސީގެ އެ ޕާސް ސުއަރޭޒް ގޯލުގެ ތެރެއަށް ވައްދާލި ނަމަވެސް މެޗަށްފަހު ވާހަކަދައްކަމުން އެޓީމުގެ ބްރެޒިލް ފޯވާޑް ނޭމާ ބުނީ، މެސީ އެ ބޯޅަ ޖައްސާލީއޭނާއަށް ކަމަށާއި ނަމަވެސް ކައިރީގައި ސުއަރޭޒް ހުރުމުން އޭނާއަށް ފުރުސަތު ލިބިގެންދިޔައީ ކަމަށެވެ.

"އަހަރެމެން ޕްރެކްޓިސްގައި ވާނީ އެގޮތަށް ޕެނަލްޓީ ޖަހަން ފަރިތަކޮށްފައި. އެއީ އަހަރެންނަށް ތަނަވަސްކޮށްދިން ފުރުސަތެއް. އަހަރެންގެ އެއްވެސް މައްސަލައެއް ނެތް ސުއަރޭޒް އެ ގޯލުޖެހުމަކުން،" ނޭމާ ބުންޏެވެ.

ބާސާ އަށް ލިބުނު ޕެނަލްޓީ މެސީ ޖައްސާލުމުން ސުއަރޭޒް ގޯލުގެ ތެރެއަށް ފޮނުވާލަނީ ---

ސްޕެނިޝް ލަލީގާގައި ސެލްޓަ ވީގޯއާ ދެކޮޅަށް ބާސާ ކުޅުނު އެ މެޗު 6-1ގެ ބޮޑު ނަތީޖާ އަކުން ކާމިޔާބް ކޮށް އެ ޓީމް ވަނީ 57 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 54 ޕޮއިންޓް ލިބޭއިރު ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބެނީ 53 ޕޮއިންޓެވެ.

ބާސާގެ ކޭމްޕް ނޯގައި ކުޅުނު އެމެޗުގައި ސުއަރޭޒް ހެޓްރިކެއް ހެދިއިރު ދެން އެޓީމަށް ގޯލުތައް ކާމިޔާބު ކޮށްދިނީ މެސީ އާއި ނޭމާގެ އިތުރުން އިވާން ރަކްޓިޗްވެ.

އެ މެޗުގައި ސެލްޓަވީގޯ ގެ ހަމައެކަނި ގޯލު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ޖޯން ގުޑެއްޓީ އެވެ.

ސްޕެނިޝް ލަލީގާގައި ސެލްޓަ ވީގޯއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި މެސީ އަތުން ބޯޅަ ހޯދުމަސް ސެލްޓަގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗު ލުއިސް އެންރިކޭ ބުނީ އެ މެޗަކީ ފަސޭހަ މެޗެއް ނޫން ކަމަށާއި ނަމަވެސް ކުޅުންތެރިންގެ ބުރަމަސަތްކަތުން މެޗު ކާމިޔާބްވީ ކަމަށެވެ.

"އެ މެޗުން މޮޅުވީ ލަނޑުޖަހަން ލިބުނު ފުރުސަތުތައް ނަގާނުލައި ބޭނުން ކުރުމުން. އަހަރެންނަށް ފެނޭ ޓްރެއިނިންގައި ބާސާގެ ކުޅުންތެރިން ކުރަމުންދާ މަސައްކަތް. އެ މެޗުން މޮޅުވުމުން ހުރިހާ ވެސް ތައުރީފެއް ހައްގު ވަނީ ހަމަ އެކުޅުންތެރިންނަށް،" އެންރިކޭ ބުންޏެވެ.