16 Feb 2016, 16:36
ގދ. މާވަރުލު އެއާޕޯޓް މޯވިން އިންޓަނޭޝަނަލް އެއާޕޯޓްއަތުން ނެގިއިރު އެއެއާޕޯޓުގެ 60 ޕަސެންޓް ނިމިފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.
ގދ. މާވަރުލު އެއާޕޯޓް މޯވިން އިންޓަނޭޝަނަލް އެއާޕޯޓް އާއި ހަވާލުކޮށްފައި ވަނީ 30 މަސްތެރޭ އެއާޕޯޓް ނިންމާގޮތަށް 2011 ވަނަ އަހަރު އެވެ. އެ އެގްރިމެންޓް ބާތިލްކުރީ ދީފައިވާ މުއްދަތައް އެއާޕޯޓުގެ މަސައްކަތް ނިންމާފައިނުވާތީ އެވެ.
މޫވިން އިންޓަނޭޝަނަލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގިނަގުނަ ހަރަދުތަކެއްކޮށް އެ އެއާޕޯޓުގެ މަސައްކަތުގެ 60 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި ހަމައެއާ އެކު ދެންހުރި މަސައްކަތްތަކަށް ބޭނުންވާ ގިނަ މެޓީރިއަލްތައް މިހާރު އެރަށަށް ގެންދެވިފައިވާ ކަމަށެވެ.
އެކުންފުނީގެ އެއްބަސްވުން ސަރުކާރުން ބާތިލްކޮށްފައި ވަނީ އެގްރިމެންޓާ ހިލާފަށް ކަމަށް ބުނެ އެކުންފުނީގެ ހައްގު އިއާދަ ކުރުމަށް ސަރުކާރަށް އެކުންފުނިން ވަނީ ގޮވާލައިފަ އެވެ.
އެއެއާޕޯޓް ހެދުމަށް 2011 ވަނަ އަހަރު އެކުންފުންޏާ ހަވާލުކުރަން ޖެހޭ ރިސޯޓް ތަރައްގީކުރާ ރަށް ހަވާލުކޮށްފައި ވަނީ 2013 ގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށާއި އެހެންވުމުން އެ އެއާޕޯޓްގެ މަސައްކަތް ފެށުނީ ރަށްދިން މުއްދަތުގެ ފަހުން ކަމަށް އެކުންފުނިން ބުނެ އެވެ.
ގދ. މާވާރުލު އެއާޕޯޓް ހެދުމަށް ކުރިން ހަވާލުކޮށްފައިވާ މޫވިން އިންޓަނޭޝަނަލް ކުންފުންޏަށް ލިބެން ޖެހޭ އެތަކެއް ހައްގުތަކެއް ސަރުކާރުގެ އިދާރާތަކުން ހިފަހައްޓާފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.
"ކަންމިހެން ހިނގާފައި އޮތްއިރު މިކަންކަމާ ގުޅިގެން ދިވެހިސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ލިޔެ ފޮނުވާފައިވާ އެއްވެސް ސިޓީއަކަށް މިއަދާ ހަމައަށް އައިއިރު ވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާކަން ހިތާމައާއެކު ދަންނަވަން." އެކުންފުނީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ކުންފުންޏާއެކުވެފައިވާ އެއްބަސްވުން އުވާލައި މާރުލުގައި އެއާޕޯޓް ހެދުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.