އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް ކްރިމިނަލް ކޯޓުން ރޭ އިއްވި 12 އަހަރުގެ ޖަލު ހުކުމަކީ ރާއްޖޭގެ ތާރީހުގައި ވެސް ކޮށްފައިވާ އެންމެ ނާއިންސާފު އަދި އެންމެ އަނިޔާވެރިކަން ބޮޑު އެއް ހުކުމް ކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން ކުށްވެރިކޮށް އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހުކުމަކީ އެއްވެސް އަސާސެއްނެތް ދައުވާއެއް އިމްރާނުގެ މައްޗަށް އުފުލުމަށް ފަހު، އިސްލާމީ ޝަރީއަތުގެ އެންމެހާ އުސޫލުތަކާއި، ރާއްޖޭގެ ގާނޫން އަސާސީ އާއި ގާނޫންތަކާއި ބައިނަލްއަގުވާމީ އެންމެހައި މިންގަނޑުތަކާ ކަނޑައެޅިގެން ހިލާފަށް އިއްވާފައިވާ ހުކުމެއް ކަމަށެވެ.

އެ ހުކުމަކީ ނާއިންސާފުން ފުރިގެންވާ އަނިޔާވެރި ހުކުމެއް ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އިމްރާން 12 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަނިޔާވެރި ކަމަށް ހިތްވަރު ލިބޭ ގޮތަށް އިމްރާން ވާހަކަ ދެއްކި ކަމާއި އަދި އެދުވަހު ހިނގި ހުރިހާ ހަމަނުޖެހުމެއް ހިނގީ އިމްރާން އެގޮތަށް ވާހަކަ ދެއްކެވި ކަމުން ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭތީ ކަމަށް ރޭ އިއްވި ހުކުމްގައިވެ އެވެ.

އެމްޑީޕީން ބުނީ އެދުވަހު އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުއްލަވާނޭކަމުގެ އިންޒާރު ހުދު ރައީސް ޔާމީން ދެއްވާފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ.

އެމްޑީޕީ އިން ބުނީ އިމްރާނުގެ މައްޗަށް އެފަދަ ހުކުމެއް ކޮށްފައި ވަނީ ސަރުކާރާ އިނދިކޮޅު ފަރާތްތައް ނައްތާލައި އަދި ބިރުދެއްކުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އަނިޔާވެރިކަމާ ދެކޮޅަށް އެ ޕާޓީން ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާނެ ކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައިވެ އެވެ.

އިމްރާން އަބްދުﷲގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމަކީ އިންސާފުވެރި ހުކުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށް އިމްރާންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވަނީ ވިދާޅުވެފަ އެވެ.