ށ. އަތޮޅު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށެއްކަމަށްވާ ށ. ދޮޅިޔަދޫއަށް ލައްގާފައިއޮށްވައި ފެނުނު މަރުވެފައި އޮތް އިންސާނާއަކީ ކޮންގައުމެއްގެ ކާކުކަން އަދި ދެނެނުގަނެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

އެހަށިގަނޑު ފެނުންތާ ހަފްތާއެއް ވެފައިވާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ތަހުލީލުތަކުގެ ނަތީޖާ އަދި ނުލިބޭތީ އެއީ ކޮންގައުމެއްގެ ކާކުކަން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި އެރަށަށް ލައްވެފައިވާ ހަށިގަނޑަކީ ދުވަސްވެފައިވާ ހަށިގަނޑެއް ކަމަށެވެ.

މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑު ލަށްގާފައި އޮއްވައި ފެނިފައިވާ އިރު ކޮންމެ އަހަރެއްގެ މިދުވަސްވަރަކީ ރާއްޖެއިން ނުފެންނަ ޒާތުގެ އެއްޗެތި ވެސް ލަށްގާފައިވަނިކޮށް ފެންނަ ދުވަސްވަރެކެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވި ގޮތުގައި ރާއްޖެ އަށް އިރުވާ މޫސުމާ ދިމާކޮށް "ފާޑުފާޑު" އެއްޗެހި އަންނަ ކަމަށް ބެލެވިފައިވާ ކަމަށެވެ.