ތުރުކީގެ ވެރިކަން ކުރާ އަންކާރާގައި ހުރި އަސްކަރީ އުޅާނދަކަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ދިން ބޮމުގެ ހަމަލާއެއްގައި 28 މީހަކު މަރުވެ، 61 އަށް ވުރެ ގިނަ މީހުންނަށް އަނިޔާ ވެއްޖެ އެވެ.

އަލްޖަޒީރާ އިން ރިޕޯޓު ކުރާ ގޮތުގައި، ރޭ އަންކާރާގައި ދެވުނީ އެ އަސްކަރީ އުޅަނދަށް އަމާޒުކޮށް، ކާރު ބޮމެކެވެ. އަދި އެ ބޮން ގޮއްވާލާފައި ވަނީ، އަސްކަރީ އުޅަނދުގައި ތިބި ބައެއް މީހުން މަރައިލުމުގެ ނިޔަތުގައި ނަމަވެސް، އެ މީހުން ދަތުރުކޮށްފައި ވަނީ ތަފާތު އުޅަނދެއްގަ އެވެ.

ރޭގެ ބޮމުގެ ހާދިސާއާ ގުޅިގެން 28 މީހުން މަރުވި ކަމަށް ރިޕޯޓު ކުރި އިރު، އަނިޔާވި ހުރިހާ ފަރާތްތަކަށް މިހާރު ދަނީ ފަރުވާ ދެވެމުންނެވެ.

އަންކާރާގެ މަގުތައް އެންމެ ބިޒީ ވަގުތުގައި މި ގޮވުން ގޮއްވާލާފައި ވަނީ ތުރުކީގެ ގާނޫނު ހަދާ މަޖިލީސް ކުރާ ގެޔާއި، ސަރުކާރުގެ ބައެއް އިދާރާތަކާޢި އަދި އަސްކަރިއްޔާގެ ހެޑްކުއާޓަސް ހުންނަ ސަރަހައްދުގަ އެވެ.

އެހާދިސާގެ ޒިންމާ އެއްވެސް ފަރާތަކުން މިހާތަނަށް ނަގާފައި ނުވި ނަމަވެސް، މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ތުރުކީގެ އިދާރާތަކުން ވަނީ ކަނޑައަޅައިފަ އެވެ. އަދި މި ހާދިސާގެ ފަހަތުގައި ވަނީ ތުރުކީގެ ކުރްދިސްތާން ވޯކާސް ޕާޓީ ކަމަށް ވެސް ދަނީ ތުހުމަތު ކުރެވެމުންނެވެ.

ހާދިސާ ހިނގުމާ އެކު ތުރުކީގެ ރައީސް ވަނީ އެގައުމުގެ އަސްކަރިއްޔާއާއި، ސަލާމަތީ މަޖިލީހުގެ އެންމެ އިސްވެރިންގެ ބައްދަލުވުމެއް ބާއްވަވައިފަ އެވެ.