21 Feb 2016, 15:22
މި އަހަރުގެ ޖޫން މަހު ޗައިނާގެ ކުންމިން ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ "ޗައިނާ - ސައުތު އޭޝިޔާ އެކްސްޕޯ"ގައި ރާއްޖޭގެ އުފެއްދުންތައް ބައިވެރިކުރަން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ، އެ އެކްސްޕޯގައި ދިވެހި އުފެއްދުންތައް ބައިވެރި ކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ ނިޔަލަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިހާތަނަށް 40 ފަރާތަކުން ވަނީ އެ އެކްސްޕޯގައި ތަކެތި ބައިވެރިކުރުމަށް ހުށަހަޅައިފައެވެ.
ތައުފީގު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ގިނަ އުފެއްދުންތައް ބޭރުގެ މާކެޓުތަކުގައި އިސްތިހާރު ކުރުން ކަމަށެވެ. އެ އެކްސްޕޯގައި ބައިވެރިކުރާ ތަކެތި ސަރުކާރުގެ ހަރަދުގައި ޗައިނާއަށް ގެންގޮސް ވިއްކައިދިނުމާއި އިސްތިހާރު ކުރުމުގެ ހިދުމަތް ހިލޭ ދެވިގެންދާނެ ކަމަށް ތައުފީގް ވިދާޅުވިއެވެ.
ކުންމިން ފެއާގައި ބައިވެރިވާ ފަރާތްތަކުން އަމިއްލައަށް ހަރަދުތައް ކުރަންޖެހޭ އިރު ފެއާގައި ބައިވެރިވުމަށް ޗައިނާއަށް ދާން ބޭނުންވާ ފަރާތްތަކަށް ހެޔޮއަގުގައި ޓިކެޓާއި އެކޮމެޑޭޝަން ހަމަޖައްސައިދިނުމަށް އިކޮނޮމިކް މިނިސްޓްރީން އެހީތެރިވާނެ ކަމަށްވެސް ތައުފީގް ވިދާޅުވިއެވެ.
މި އަހަރުގެ ފެއާގެ "ކަންޓްރީ އޮފް އޮނަރސް"ގެ މަގާމް ރާއްޖެ އަށް ލިބިފައިވާތީ ރާއްޖޭގެ އުފެއްދުންތަކާއި މުޅި ރާއްޖެ ޕްރޮމޯޓް ކުރުމަށް ފުރުސަތުތައް ލިބިގެންދާނެ ކަމަށާއި ކަންޓްރީ އޮފް އޮނަރސްގެ ފުރުސަތު ލިބިފައިވާތީ ރާއްޖޭގެ ސްޓޯލް ހެދުމަށް ބޮޑު ޖާގައެއްގެ އިތުރުން އެހެން ގައުމުތަކުގެ ސަމާލުކަން ލިބިގެންދާނެ ކަމަށް ވެސް ތައުފީގު ވިދާޅުވި އެވެ.