ސްކޫލުތަކުގައި މަސައްކަތް ކުރައްވާ ޕްރިންސިޕަލުން ތަޖުރިބާ ބަދަލުކުރުމުގެ ގޮތުން ޕްރިންސިޕަލްސް އެޓޭޗްމަންޓް ޕްރޮގްރާމެއް ފަށައިފި އެވެ.

އިއްޔެ ފެށި އެ ޕްރޮގްރާމަކީ ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި އަދި ނަތީޖާ ރަނގަޅުކުރުމަށް ފެށި ޕްރޮގްރާމެއް ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

އެ ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީގެ ހަތަރު ސްކޫލެއްގެ ޕްރިންސިޕަލުންނާއި މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެކު ފަސް ދުވަހުގެ މުއްދަތަށް މަސައްކަތްކުރާނެ ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ.

ފުރަތަމަ ބުރުގައި ޕްރިންސިޕަލުން މަސައްކަތްކުރާނީ އިސްކަންދަރު ސުކޫލް އަދި ޖަމާލުއްދީން ސުކޫލްގަ އެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވާ އައްޑޫ ސިޓީގެ އިތުރު ހަތް ސްކޫލެއްގެ ޕްރިންސިޕަލުން މި މަހު ފަހު ކޮޅާއި އަންނަ މަހުގެ ކުރީކޮޅު އެ ޕްރޮގްރާމް ފުރިހަމަ ކުރާނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

ޕްރިންސިޕަލުން ތަޖުރިބާ ބަދަލުކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ފަހަރަކު އަތޮޅަކަށް އަމާޒުކޮށްގެން ރާއްޖޭގެ ހުރިހާ ޕްރިންސިޕަލުންނަށް ވެސް ފުރުސަތު ލިބޭ ގޮތަށެވެ.

ޕްރިންސިޕަލްސް އެޓޭޗްމަންޓް ޕްރޮގްރާމްގެ ދަށުން ޕްރިންސިޕަލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފާހަގަކޮށްލެވޭ ސްކޫލްތަކަށް ޒިޔާރަތްކޮށް ސްކޫލް ހިންގުމުގަ އާއި ދަރިވަރުންގެ ނަތީޖާ އިތުރަށް ރަނގަޅުކުރުމުގައި އެ ސްކޫލްތަކުން ބޭނުންކުރާ ބެސްޓް ޕްރެކްޓިސް ތަޖުރިބާ ކުރާނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.