ފިޖީއަށް އެރި ބާރުގަދަ ނަގޫރޯޅީގެ ސަބަބުން އެތައް ބަޔަކު މަރުވެ، އެސަރަޙައްދުގެ ގިނަ ބަޔަކަށް ގެއްލުން ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ފިޖީގެ ބޮޑުވަޒީރު ފްރޭންކް ބައިނިމަރާމާއަށް ރައީސުލްޖުމްހޫރިއްޔާ ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އެމަނިކުފާނާއި ދިވެހި ސަރުކާރާއި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ފިޖީގެ ބޮޑުވަޒީރު ފްރޭންކް ބައިނިމަރާމާއަށާއި ފިޖީގެ ސަރުކާރަށާއި ރައްޔިތުންނަށާއި މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާ އެކު ހަމްދަރުދީ ވިދާޅުވެފައިވެ އެވެ.

މިމެސެޖުގައި، މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެ އެވެ.