23 Feb 2016, 14:31
މާލޭގައި ބޭނުންކުރާ ތެޔޮ ބައުޒަރުތައް ބަލައިފާސްކުރުމުގެ މަސައްކަތް އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ފަށައިފިއެވެ.
މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ހަރަކާތަކީ "ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ގަވާއިދު،" ގެ މިންގަނޑުތަކަށް މާލޭގައި ބޭނުންކުރާ ތެޔޮ ބައުޒަރުތައް ފެތޭތޯ ބެލުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެމްއެންޑީއެފް އިން ބުނީ، އެ ގަވާއިދުގައިވާ މިންގަނޑަށް އުޅަނދުތައް ފެތޭނަމަ އެއް އަހަރު ދުވަހުގެ މުއްދަތަކަށް އަޅި ކުލައިގެ ސްޓިކާއެއް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ތެޔޮ އުފުލާ އުޅަނދުގައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ހުރިނަމަ، ރަތް ކުލައިގެ ސްޓިކާއެއް، ހަ މަސް ދުވަހުގެ މުއްދަތަށް ޖެހުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.
އެގޮތުން މިއަދު ކަޅުތުއްކަލާކޮށީގެ ދެކުނު ފަރާތުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ގިނަ އަދަދެއްގެ ތެޔޮ ބައުޒަރުތައް ބަލައިފާސްކުރުމަށްފަހު ދެ ކުލައެއްގެ ސްޓިކާ ޖަހާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ތެޔޮ ބައުޒަރުތައް ބަލައި ފާސްކުރުމުގެ ހަރަކާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސް ގެ އިތުރުން، ފުލުހުން އަދި ޓްރާންސްޕޯޓު އޮތޯރިޓީ އިންވެސް ބައިވެރިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.