24 Feb 2016, 13:42
ހުޅުމާލޭގައި އެތަކެއް ހާސް ފްލެޓު އެޅުމަށް ހައުސިން މިނިސްޓްރީން ހުޅުވާލި ފުރުސަތަށް ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހައުސިންގު މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގުޅިފަޅުން ފްލެޓު ގަތް ފަރާތްތަކަށް ހުޅުމާލެއިން ފްލެޓު ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަދުވެގެން 10،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ރައީސް ޔާމީން މި ދޭތެރެއިން ރިޔާސީ ބަޔާނުގައިވެސް އިއްވެވި ފަދައިން މަސައްކަތް ކުރަމުން މި ދަނީ މަދުވެގެން 10،000 ހައުސިން ޔުނިޓު މި ސަރުކާރު މި ދައިރު ނިމުމުގެ ކުރީގައި އިރާދަ ކުރެއްވިއްޔާ ހަމަ ހަގީގަތުގައިވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅައި އެ 10،000 ހައުސިން ޔުނިޓުގައި ދިވެހި ރައްޔިތުން ދިރިއުޅޭތަން އިރާދަ ކުރެއްވިއްޔާ މި ސަރުކާރުން މި ދައުރުގައި ދައްކާނަން..."، މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ އަކީ އުންމީދު ހިމެނިގެންވާ އުންމީދީ ސަހަރެއް ކަމަށެވެ. އަދި ހުޅުމާލެ އާއި މާލެ ގުޅިގެން ދާން ޖެހޭ ސަބަބަކީވެސް އެއީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އިޤްތިޞާދީ ވިސްނުމެއްގަ ކޮންމެހެން ކުރިއަށް ގެންދެވޭ ވަރަށް މުހިއްމު މަޝްރޫއެއް ހުޅުލެއާ މާލެއާ ގުޅިގެން ހުޅުމާލެ އެއްފަސް ވެގެން ދިއުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މާލެއާ ހުޅުލެ ބްރިޖަކުން ގުޅުވާލުމުގެ މަސައްކަތަކީ ރައީސް ޔާމިންގެ ވައުދުތަކުގެ ތެރެއިން ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތް ކަމަށެވެ. އަދި އެއީ ކުރިއަށް އޮތް ތާނގައި ހުޅުމާލެ އަށް ދިރިއުޅުން ބަދަލު ކުރާނެ 10،000 މީހުންގެ އުންމީދުތައް ހަގީގަތަކަށް ހަދާނެ އެންމެ މުހިންމު އެއް ވަސީލަތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.