26 Feb 2016, 16:06
މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ)ގެ އެންގުމަކަށް އެއްވެސް ފަރާތެއް އެ އިދާރާއަށް ހާޒިރު ނުވެއްޖެނަމަ ފުލުހުން މެދުވެރިކޮށް އެފަދަ ފަރާތްތައް ހާޒިރު ކުރާ ގޮތަށް ގަވާއިދެއް އިސްލާހުކޮށްފި އެވެ.
ޓެކްސް ނެގުމާއި ބެހޭ އިދާރާ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ މީރާއަށް ހާޒިރުވުމަށް އެ އިދާރާއިން ނެރޭ އަމުރު ނެރޭނީ ލިޔުމުން ކަމަށެވެ. އަދި ވިދިވިދިގެން ދެ ފަހަރު މީރާއިން ނެރޭ އަމުރާ ހަވާލުނުވެއްޖެ ނަމަ އަމުރު ނެރެވޭ ފަރާތް ފުލުހުން މެދުވެރިކޮށް ހާޒިރު ކުރެވޭނެ ކަމަށް އިސްލާހުކުރި ގަވާއިދުގައި ބުނެފައިވެ އެވެ.
އިސްލާހުކުރި ގަވާއިދުގައި ބުނެފައި ވަނީ މީރާގެ ކޮމިޝަނާ ޖެނެރަލް އަންގާ އެންގުމެއްގެ ދަށުން މީރާއިން ކަނޑައަޅާ ޝަރުތުތައް ފުރިހަމަވާ ޓެކްސް ދައްކާ ފަރާތްތަކާ މީރާއިން ކުރާ އެންމެހާ މުއާމަލާތްތައް ކުރާނީ ހަމައެކަނި އީމެއިލް މެދުވެރިކޮށް ކަމަށް ކަނޑައެޅުމުގެ ބާރު ކޮމިޝަނާ ޖެނެރަލަށް ލިބިގެންވާ ކަމަށެވެ.