ރާއްޖޭގެ ރީތިކަމާއި ހިތްގައިމު ކަމުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އަދި ރާއްޖެއަކީ މަޝްހޫރު އެތައް ފަރާތްތަކެއް ޗުއްޓީ ހޭދަކޮށްލުމަށާއި ހަނީމޫނަށް ވެސް އެންމެ ކަމުދާ މަންޒިލްގެ ގޮތުގައި ވަނީ ވެފަ އެވެ.

ނަމަވެސް މިފަހަރު ރާއްޖެ މިވަނީ ފެޝަން މެގަޒިން 'ވޯގް އިންޑިއާ'ގެ ބޭރުގަނޑުންވެސް ޖާގަ ހޯދާފަ އެވެ.

'ވޯގް އިންޑިއާ'ގެ މާރިޗު މަހުގެ އަދަދުގެ ބޭރުގަނޑުން ފެނިގެން ދަނީ ބޮލީވުޑުގައި ގަދައަށް ފިޔަ ޖަހަމުން އަންނަ ދެ ތަރިން ކަމުގައިވާ އާލިއާ ބަޓް އަދި ސިދާރްތު މަލޯތުރާ އެވެ. ދެ ތަރިންގެ ހިތްގައިމު ފޮޓޯގެ ފުރަގަހުން ފެނިގެންދަނީ ދިވެހިރާއްޖޭގެ އަތިރިމައްޗެކެވެ.

ވޯގް މަޖައްލާ އިން ބުނެފައިވާ ގޮތުގައި މާރިޗު މަހުގެ އަދަދުގެ ކަވަރަށް ބޭނުންވާ ފޮޓޯ ޝޫޓް ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގެ ހިތްގައުމު ރިސޯޓެއް ކަމުގައިވާ ފޯ ސީޒަންސް ރިސޯޓް އެޓް ލަނޑާގިރާވަރު ގަ އެވެ.

ދެ ދުވަހަށް ކުރިއަށް ގެންދިޔަ ފޮޓޯ ޝޫޓުގައި ބައިވެރިވުމަށް ފުރަތަމަ ރާއްޖެ އައީ އާލިއާ އެވެ. ސިދާރްތު ޝޫޓުގައި ބައިވެރިވީ އާލިއާ ރާއްޖެ އައިތާ ދެ ދުވަސް ފަހުންނެވެ.

ވޯގް އިން ވަނީ ދެ ތަރިންގެ ފޮޓޯ ޝޫޓު ކުރިއަށް ދިޔަ އިރުގެ ވީޑިއޯ ވެސް އާންމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަނީ ރިސޯޓުގެ ހިތްގައިމު މަންޒަރުތަކާ ދެތަރިން އެކުގައި މަޖާ ވަގުތުތަކެއް ހޭދަކުރާ މަންޒަރެވެ.

ވޯގް އިންޑިއާ އިން އާންމު ކުރުި ވީޑިއޯގެ ސްކްރީންޝޮޓެއް. ވީޑިއޯ އިން ފެންނަނީ ރާއްޖޭގެ ރީތިކަން

ދެ ތަރިން އެކުގައި ވޯގް މެގަޒިންގެ ބޭރުގަނޑުން ފެނިގެން ދާއިރު، ދެތަރިން އެކުގައި ވަރަށް އަވަހަށް ފިލްމަކުންވެސް ފެނިގެންދާނެ އެވެ. ކަރަން ޖޯހަރުގެ "ސްޓުޑެންޓް އޮފް ދަ އިޔަރ" އިން ބޮލީވުޑަށް ދެ ތަރިން ތައާރަފުވެފައި ވަނީވެސް އެކުގަ އެވެ.

މިދެތަރިން ދެން އެކުގައި ފެނިގެން ދާނީ "ކަޕޫރް އެންޑް ސަންސް" އިން ނެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.

ސިދާރްތު އަދި އާލިއާގެ ހަގީގީ ލޯބީގެ ވާހަކައަކީ ވެސް ބޮލީވުޑުގައި ވަރަށް ގަދައަށް ދެކެވޭ ވާހަކަ އެކެވެ.