ތިމާވެއްޓާއި ރައްޓެހި ތަކެއްޗަށް އިންވެސްޓްކުރުމަށް ބާރު އެޅުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ލޯނެއް ތައާރަފްކޮށްފި އެވެ.

"ބީއެމްއެލް ގްރީން ލޯން"ގެ ނަމުގައި މިއަދު އެލޯން ތައާރަފް ކޮށްދެއްވާފައި ވަނީ އެންވައިރޮމެންޓް މިނިސްޓަރު ތާރިގު އިބްރާހިމެވެ.

އެލޯން ތައާރަފްކުރުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ އެލޯން މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ގްރީން ޓެކްނޮލޮޖީއަށް އިންވެސްޓްކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެލޯން މެދުވެރިކޮށް ހަކަތަ އުފެއްދުމަށް ސޯލާ ޕެނަލް އާއި ފޮޓޯވެލްޓެކް ޕެނަލްގެ އިތުރުން ސިސްޓަމް ނުވަތަ ހަކަތަ ވީހާވެސް ބޭނުންތެރިކޮށް ހިފުމަށްޓަކައި ބޭނުންކުރެވިދާނެ އާލާތްތައް ހޯދުމަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެލޯން މެދުވެރިކޮށް 50000 ރުފިޔާއިން ފެށިގެން 20 މިލިއަން ރުފިޔާއާ ހަމައަށް ލޯން ދޫކުރުމަށް ނިންމާފައިވާއިރު އެ ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބިގެންދާނެ އެވެ. ލޯނުގެ ރަހުނަކަށް އިމާރާތާއި ގޯތީގެ އިތުރުން ކަނޑުގައި ދުއްވާ އުޅަނދުދަހަރުގެ އިތުރުން ލޯނުގެ ގޮތުގައު ނަގާ ފައިސާއިން ހޯދާ ތަކެތި ބެހެއްޓޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

މިދިޔަ އަހަރު ފަހުކޮޅު ޕެރިހުގައި ބޭއްވި ތިމާވެއްޓާއި ބެހޭ ސަމިޓަށްފަހު ބީއެމްއެލް އާއި އެންވައިރޮމެންޓް މިނިސްޓްރީން ގުޅިގެން ވަނީ "ބީއެމްއެލް ގްރީން ފަންޑް" ނަމުގައި 500 މިލިއަން ރުފިޔާގެ ފެންޑެއް އިފްތިތާހުކޮށްފަ އެވެ.