28 Feb 2016, 21:50
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑު ކުރި މައްސަލަ އޭނާ ސިވިލް ކޯޓަށް ހުށަހަޅުއްވައިފިއެވެ.
ސަން އަށް އެނގިފައިވާގޮތުގައި މީގެ ދެދުވަސް ކުރިން ހަސަން ސައީދުގެ ފަރާތުން ހުށަހެޅުއްވި މައްސަލަ މިހާރު ސިވިލް ކޯޓުން ވަނީ ބަލައިގެންފައެވެ.
ޖޭއެސްސީން ބުނީ، އެ ކޮމިޝަނުން އެގޮތަށް ނިންމީ ހަސަން ސައީދާ ބެހޭގޮތުން އެ ކޮމިޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ޝަކުވާއަކާ ގުޅިގެން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު ގެ 38 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަހުގީގު ކޮމެޓީން އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ނިންމުމުން އެކަމާ ގުޅޭގޮތުން ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ކަމަށެވެ.
ހަސަން ސައީދާ ދެކޮޅަށް ތަހުގީގު ކުރަމުން އަންނަ މައްސަލަ އަކީ ފެމެލީ ކޯޓުގެ ސީނިއާ މެނޭޖްމަންޓާއެކު ބޭއްވި ބައްދަލުވުމެއްގައި، ހައިކޯޓަށް އެންމެ ފަހުން ނެގި ފަނޑިޔާރުންނަކީ ދުނިޔޭގައި ތިބި އެންމެ ކޮރަޕްޓު ފަނޑިޔާރުން ކަމާއި، އެމީހުން އެ ހުރިހާ ކަމެއް ކުރަނީ ހިޔާބޮޑު ގަހެއްގެ ދަށުގައި ތިބެގެން ކަމަށް ދޭހަވާގޮތަށް ހަސަން ސައީދު ވާހަކަފުޅުދެއްކެވި ކަމަށް ބުނެ، ސުލޫކީ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާ މައްސަލައެކެވެ.