އަންނަ މަހު 17ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބުގައި އެ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމަށް ވާދަކުރަން ކުރީގެ ވޯލީބޯލް ކޯޗް އަދި މަޝްހޫރު ފޮޓޯގްރާފަރ މުހަައްމަދު ޝާފީ ނިންމައިފިއެވެ.

ކުރިން ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުވެސް އަދާކޮށްފައިވާ ޝާފީ ބުނީ، އޭނާ އެ އެސޯއޭޝަންގެ ރައީސްކަމަށް ކުރިމަތިލާން ނިންމީ މިހާރު ވޮލީބޯޅައަށް ކުރިމަތިވަމުން އަންނަ ހީނަރުކަމުން އެކުޅިވަރު ސަލާމަތްކޮށް ރާއްޖޭގައި އެ ކުޅިވަރު އިތުރަށް ކުރިއެރުވުމަށް ކަމަށެވެ.

ވީއޭއެމްގެ ރައީސް ކަމަށް ޝާފީގެ އިތުރު މިފަހަރު ކުރިމަތިލާނެކަމަށް މިހާތަނަށް އިއުލާނުކޮށްފައި ވަނީ މިހާރުގެ ރައީސް މުހައްމަދު ރިޔާޒު (ވޮލީ ރިޔާ) އާއި ނައިބް ރައީސް އިލްޔާސް ވަހީދު (އިއްލަ) އެވެ. މީގެ އިތުރު ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހަންމަދު ނަޝީދު (ކާނަލް) ވެސް މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވާނޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

ޝާފީ ބުނީ އޭނާގެ ހިތުގައި ވޮލީބޯޅައަށް އޮތް ލޯތްބާއި އެ ކުޅިވަރަށް ގެންނަން ބޭނުންވާ އާ ބަދަލުތަކަކީ، މުސްތަގުބަލުގައި ރާއްޖޭގެ ވޮލީބޯޅައަށް ފާގަތި ދުވަސްތަކެއް ލިބުމަށް އެޅޭނެ ބާރަކަށް ވާނޭ ކަމަށެވެ.

"އަޅުގަނޑު މިފަހަރު ވީއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާން މި ނިންމީ، މި ކުޅިވަރުގައި ހަރަކާތްތެރިވާ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތީން. އެހެންކަމުން އަޅުގަނޑު އުންމީދުކުރަން އެންމެގެ ސަޕޯޓާއި ވޯޓް ލިބޭނޭކަމަށް،" އެންމެ ފަހުން 2012 ވަނަ އަހަރު ބޭއްވި ވީއޭއެމްގެ އިންތިހާބުގައި މިހާރުގެ ރައީސް ރިޔާއާ ވާދަކޮށް އެންމެ ވޯޓަކުން ބަލިވި ޝާފީ ބުންޏެވެ.

ކުރިން ކްލަބް ވެލެންސިޔާގެ ވޮލީ ޓީމަށް ކުޅެފައިވާ އަދި ފަހުން އެޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް ހަރަކާތްތެރިވި ޝާފީ ވަނީ، ވެލެންސިޔާގެ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަންވެސް ކޮށްފައެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަދި ވޮލީއަށް ލޯބިކުރާ ގިނަ ފަރާތްތަކަކުން ގަބޫލުކުރޭ މިހާރު މި ކުޅިވަރު އިތުރަށް ކުރިއަރުވަން ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް. އަޅުގަނޑު މިހިރީ އިރާދަކުރެއްވިއްޔާ އެ ބަދަލުތައް ގެންނަން،" ޝާފީ ބުންޏެވެ.