ގޭތެރޭގައި ގަސް އިންދުމަކީ އުފާވެރިކަމާއި ހިތް ހަމަޖެހުން ގެނުވާ ކަމެކެވެ. އެ ސަބަބައްޓަކައި ވަރަށް ގިނަ ފަރާތްތަކުން ގޭގެ އެކި ތަންތަނުގައި ގަސް އިންދައި އުޅެއެވެ. އެގޮތުން ގޭގެ ޓެރަހާއި، ނިދާ ކޮޓަރި، ފާހާނާ އާއި ބަދިގެ އަދި ސިޓިންގު ރޫމް ފަދަ ތަންތަނުގައި ގަސް އިންދާ މީހުން ވަކި މަދެއް ނޫނެވެ.

ކުރިން ވެސް ފާހަގަ ކުރެވުނު ފަދައިން، ގޭތެރޭގައި ގަސް އިންދުމަކީ އުފާވެރިކަމާއި ހިތްހަމަޖެހުން ހިތަށް ގެނުވާނެ ކަމެކެވެ. ތެދެކެވެ. ހަމަ ހަގީގަތުގައި ވެސް އެއީ އެ ފަދަ ކަމެކެވެ. އެހެންނަމަވެސް، އިނގޭ ހެއްޔެވެ؟

ގޭތެރޭގައި ގަސް އިންދުމުން ހިތަށް ފިނިކަން ގެނައުމާ އެކު، ސިއްހަތަށް ވެސް އެތައް ގޮތަކުން ފައިދާ ކުރެ އެވެ. އެއީ ބަލި މީހުން ބަލިން ފަސޭހަ ވުމަށާއި، ބޮލަށް ވެރިވެފައި ހުންނަ ހާސްކަން ވެސް ފިލުވައިދޭ ކަމެކެވެ.

ސްޓްރެސް ފިލުވައިދޭ ކަމެއް!

ދުވާލުގެ ބުރަ މަސައްކަތަށް ފަހު ގެއަށް އެނބުރި ވަންނަ އިރު، ގުދުރަތީ ފެހި ކަމުން ގޭތެރެ ޖަރީ ވެފައި ހުރުމަކީ ހިތަށް ހަމަޖެހުން ގެނުވައިދޭ ކަމެކެވެ. ބޮލަށް ވެރިވެފައިވާ ހާސްކަމާއި ނުތަނަވަސްކަން ކުޑަ ކޮށްދޭނެ ކަމެކެވެ. މޫނު މައްޗަށް ހިނިތުންވުން ގެނުވާނެ ކަމެކެވެ.

ހަމައެއާ އެކު، އެ ފެހި ކަމުގައި ތަފާތު ކުލަކުލައިގެ މާތައް ފެންނަން ހުރުމަކީ ވެސް ހިތަށް އިތުރު ހިތްހަމަޖެހުން ގެނުވައިދީ މޫނުމައްޗަށް އުފާވެރިކަމާއި ހިނިތުންވުން ވެރިކުރުވާނެ ކަމެއްކަން ޔަގީނެވެ.

ލޭގެ ޕްރެޝަރު ދަށްކޮށްދޭ!

ދިރާސާތަކުން ދައްކާގޮތުގައި، ބަލި މީހެއްގެ ކޮޓަރީގައި ގަހެއް އިންދާފައި ހުރެއްޖެ ނަމަ ނުވަތަ ގަސް ޕޮޓެއް ހުރެއްޖެ ނަމަ އެމީހެއްގެ ލޭގެ ޕްރެޝަރު، ގަސް ޕޮޓެއް ނެތް ކޮޓަރިއެއްގައި އޮތް ބަލިމީހެއްގެ ލޭގެ ޕްރެޝަރަށް ވުރެ ދަށްވާނެ އެވެ.

އެހެންކަމުން ބަލި މީހުންގެ ކޮޓަރިތަކުގައި ގަސް އިންދުން ބުއްދިވެރި އެވެ.

ބަލިން ފަސޭހަވުން ވެސް އަވަސްވޭ!

ދިރާސާތަކުން ދައްކާ ގޮތުގައި ބަލި މީހާގެ ކޮޓަރީގައި ގަހެއް އިންދާފައި ހުރެއްޖެ ނަމަ ނުވަތަ ގަސް ޕޮޓެއް ހުރެއްޖެ ނަމަ، އެމީހަކު ބަލިން ފަސޭހަވުން ގަސް ޕޮޓެއް ނެތް ކޮޓަރިއެއްގައި އޮތް ބަލިމީހަކަށް ވުރެ އަވަހެވެ. އެެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ގަހަކީ ހިތަށް ފިނިކަން ގެނުވައިދޭ އެއްޗެއް ވިއްޔާ އެވެ.

ނިދުމަށްވެސް ފަސޭހަ ވޭ!

މީރުވަސް ދުވާ މާ ގަހުންނާއި ފެހިކަން ގަދަ ގަސްތަކުން ކޮޓަރި ޒީނަތްތެރި ކުރުމަކީ ހިތަށް ފިނިކަމާއި އުފާވެރިކަން ގެނެސް ނިދުމަށްވެސް ފަސޭހަ ކޮށްދޭނެ ކަމެކެވެ. އެހެންކަމުން، ނިދާ ކޮޓަރި މީރު ވަސް ދުވާ މާގަހުން ޒީނަތްތެރި ކުރުން ކިހިނެއް ވާނެ ހެއްޔެވެ؟

ވައި ސާފުކޮށްދޭ!

ކިތަންމެ ރީތިކޮށް ގެ ހަދާފައި ހުރި ނަމަވެސް، ގިނަ ގެތަކަކީ ވައި ސާފުވާ ގޮތަށް ނުވަތަ ވައި ދައުރުވާ ގޮތަށް ހަދާފަ ހުންނަ ގެތަކެއް ނޫނެވެ. އެހެންކަމުން ވައި ސާފު ކުރުމަށް ގަސް އިންދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން، އޯކިޑާއި ފާން ފަދަ ރީތި ގަސްތަކަކީ ގޭތެރޭގެ ވައި ސާފު ކުރުމަށް ވަރަށް ބޮޑަށް އެހީތެރވެދޭނެ ގަސްތަކެކެވެ.

ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުވާލުމަށް ވެސް ގަސް އެހީތެރިވެދޭ!

ގަސް އިންދުމަކީ ލުއި މަސައްކަތެކޭ ނުބުނެވޭނެ އެވެ. ހާއްސަކޮށް ގޭތެރޭގައި ގަސް އިންދާނަމަ އެއީ ވަރަށް ބުރަ މަސައްކަތެކެވެ. ސަބަބަކީ ކޮންމެ ދުވަހަކު ގަސްތަކަށް ފެންދިނުމާއި، އަވިދޭ ތަންތަނަށް ގަސްތައް އުފުލުމާއި ފާޓިލައިޒް ކުރުމަކީ ކުޑަ ކަމަކަށް ނުވާތީ އެވެ.

އެހެންކަމުން އެ ބުރަ މަސައްކަތުގައި އުޅޭ އިރު، ހަށިގަނޑުގައި ހުންނަ ސަރުބީތައް ނުވިރަންވީ ސަބަބެއް ނެތެވެ.