މިސީޒަންގައިވެސް ސްޕެއިންގެ ރެއާލް މެޑްރިޑަށް ޑޮމެސްޓިކް މުބާރާތެއް ކާމިޔާބު ކުރުމުގެ ފުރުސަތު ވަނީ ގާތް ގަނޑަށް ގެއްލިފައެވެ. ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން އަމިއްލަ ދަނޑުގައި ބަލިވުމުން، މިހާރު އެއް ވަނައިގައި އޮތް ބާސެލޯނާއާ އެޓީމާ މެދު 12 ޕޮއިންޓް ބޮޑު ފަރަގެއް އެބައޮތެވެ.

އެތުލެޓިކޯއަތުން ބަލިވި މެޗްގައި ސަޕޯޓަރުން ވަނީ ޕެރޭޒަށް ނިސްބަތްކޮށް ފާޑު ކިޔާފައެވެ. މެޑްރިޑްގައި މެޗް ބަލަން ތިބިއިރު ވީއައިޕީ ބަރިއާ ދިމާލުގައި ތިބި ސަޕޯޓަރުން ވަނީ ޕެރޭޒްއަށް އަޑު އިއްވައި އޭނާގެ އިސްތިއުފާއަށްވެސް ގޮވާފައެވެ.

އެއްވަނައިގައި އޮތް ޓީމާ 12 ޕޮއިންޓް ފަރަގަކީ މީގެ 10 އަހަރު ކުރިން 2006 ވަނަ ރެއާލްގެ ރައީސް ކަމުން ފެބްރުއަރީ 27 ގައި ޕެރޭޒް އިސްތިއުފާ ދިން އިރު އޮތް ހާލަތެވެ. އެހެންވެ ދެވަނަ ފަހަރަށް ރެއާލްގެ ރައީސް ކަމާ ހަވާލުވެ ހުރި ޕެރޭޒް މިފަހަރުވެސް އިސްތިއުފާ ދިނުން ގާތް ހެއްޔެވެ.

ޕެރޭޒް އުޅުއްވަނީ ފުޓްބޯޅަ ކުލަބެއް ހިންގާކަށް ނޫން

ދެހާސް ވަނަ އަހަރު ރެއާލްގެ ރައީސް ކަމަށް ކުރެއްވި ކެމްޕޭންގައި، ރައީސް ކަމަށް ވާދަ ކުރެއްވި އަނެއް ކެނޑިޑޭޓް ލޮރެންޒޯ ސަންޒް ބަލި ކުރުމަށް ޕެރޭޒް ދެއްކި ވާހަކައަކީ ކޮންމެ އަހަރަކު ރެއާލްއަށް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔެއް ގެންނާނެ ވާހަކައެވެ.

އަދި ލުއިސް ފީގޯ ޓީމަށް ގެންނާނެ ކަމުގެ ވައުދާއެކު ޕެރޭޒް އިންތިޚާބު ކާމިޔާބު ކުރިއެވެ. ވާދަވެރި ބާސެލޯނާގައި ހުއްޓައި ޕެރޭޒް ފީގޯ ގެންނަން ބިޑް ކުރިއެވެ.

ފީގޯގެ ގެނައުމާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ރެއާލްގެ ސަޕޯޓަރުންގެ ތައުރީފް ޕެރޭޒްއަށް އޮހުނެވެ. ފީގޯއަށްފަހު، ދެން އެޓީމަށް ގެނައީ ޒައިނުއްދީން ޒިދާނެވެ. 2001 ވަނަ އަހަރު ޒިދާން އެޓީމަށް ގެންދިޔައީ އޭރުގެ ރެކޯޑް ފީއެއް ކަމަށްވާ 73.5 މިލިއަން ޔޫރޯއަށެވެ. ޒިދާންއަށް ފަހު ބްރަޒިލްގެ ރޮނާލްޑޯ ނަޒަރިއޯއެވެ. އެއްފަހު ޑޭވިޑް ބެކަމްއެވެ. ބެކަމްގެ ފަހަތުން މައިކަލް އޮވެން ރެއާލާ ގުޅުނެވެ. އަދި ބްރަޒިލްގެ ރޮބިނިއޯއާއި ރިކާޑޯ ކަކާއެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޖަރުމަންގެ މެސުޓް އޮޒިލްއާއި އާޖެންޓީނާގެ ޑީމާރިއާއެވެ. އަދި އެއަށްފަހު ގެރެތު ބޭލްއާއި ޖޭމްސް ރޮޑްރިގޭޒްއެވެ.

މިއީ ޕެރޭޒްގެ ރައީސް ކަމުގެ ދައުރު ތަކުގައި ރެއާލްއަށް ގެނައި މަޝްހޫރު ނަންތަކެވެ. ނަމަވެސް ނަތީޖާ ނެރެވުނީ ކިހާވަރަކަށް ހެއްޔެވެ.

ދެހާސް ވަނަ އަހަރުން ފެށިގެން މިހާތަނަށް ރެއާލްއަށް ސްޕެނިޝް ލީގް ކާމިޔާބު ކުރެވުނީ ފަސް ފަހަރުއެވެ. ކޮޕަޑެލްރޭ ކާމިޔާބު ކުރެވިފައިވަނީ އެންމެ ދެ ފަހަރުއެވެ. ސްޕެނިޝް ސުޕަކަޕް ކާމިޔަބު ކުރެވިފައިވަނީ ހަތަރު ފަހަރުއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރެވިފައިވަނީ ދެ ފަހަރުއެވެ. ޔުއެފާ ސުޕަކަޕްވެސް ކާމިޔާބު ކުރެވިފައިވަނީ ދެ ފަހަރުއެވެ. އިންޓަނޭޝަނަލް ކަޕް ނުވަތަ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައިވަނީ ދެ ފަހަރުއެވެ.

ރެއާލް ސަޕޯޓަރުންގެ ކަންބޮޑުވުން

ޕެރޭޒްގެ ދައުރުގައި އޭނާ ކުލަބަށް ގިނަ އަދަދެއްގެ ތަރިން ތަކެއް ގެނެއެވެ. ނަމަވެސް ރެއާލްގެ ސަޕޯޓަރުންގެ ސުވާލަކީ ޕެރޭޒްގެ ފޯމިއުލާއިން ރެއާލްއަށް ކާމިޔާބު ލިބުނު އިންސަތަ މަދު ކަމެވެ.

މަޝްހޫރު ކުޅުންތެރިން ރެއާލްއިން ގެނައީ ކުލަބު މާކެޓް ކުރުމަށެވެ. ޕެރޭޒްގެ ދައުރުގައި މާކެޓިން އިން ކުލަބަށް މާލީ ގިނަ ފައިދާތަކެއް ވަނީ ވެފައެވެ.

އޮފް ސީޒަން ޓުއާ ތަކުގައިވެސް ރެއާލް ބޮޑަށް އިސްކަންދެނީ ރެއާލްއަށް ފައިސާ ލިބޭނެ ގޮތަކަށް ޕްލޭންތައް ރޭވުމަށެވެ. އެގޮތުން މި ވޭތުވެދިޔަ 15 އަހަރު ތެރޭ ރެއާލްގެ ގިނަ ޓުއާތައް ކޮށްފައިވަނީ އޭޝިއާއާއި އެމެރިކާއަށެވެ.

ރެއާލްގެ މަޝްހޫރު ކުޅުންތެރިންނާއެކު އޭޝިއާ ޤައުމުތަކުގައި ކުރި ޓުއާތަކުގައި ރެއާލްއަށް މާލީ ގިނަ ފައިދާތަކެއް ވަނީ ލިބިފައެވެ.

ޕެރޭޒްގެ ގޯސް ނިންމުންތައް ޓެކްނިކަލް ބޮޑު ގެއްލުމަކަށް

ދެހާސް ވަނަ އަހަރު ސެލްޓަވީގޯއިން ރެއާލްއާ ގުޅުނު ފްރާންސްގެ ޑިފެންސިވް މިޑްފީލްޑާ ކްލައުޑިއޭ މަކެލޭލޭ އަކީ މިގަރުނުގައި ރެއާލްގެ ޑިފެންސިވް ތަބުން ފާހަގަ ކުރެވުނު މޮޅު ކުޅުންތެރިޔެކެވެ. މަކެލޭލޭ ރެއާލްގައި ދެއްކި މޮޅު ކުޅުމާއެކު ރެއާލްގެ ސަޕޯޓަރުންގެ ލޯބި އޭނާ ހޯދިއެވެ. ނަމަވެސް ޕެރޭޒްގެ ތާއީދެއް އޭނާއަށް ނުލިބުނީ ޕެރޭޒްގެ މާލީ ނިންމުންތަކުގެ ސަބަބުންނެވެ.

ޑިފެންސިވް ކުޅުންތެރިންނަށް ބޮޑު މުސާރައް ދިނުމުގެ ވިސްނުން ޕެރޭގެ ސިކުނޑީގައި ނެތުމުން މަކެލޭލޭއަށް ޖެހުނީ ބާޒާރުގައި ވިކެން ހުންނާށެވެ. މަކަލޭލޭގެ ހުނަރުވެރިކަން ސާބިތުކޮށް ދިނުމަށްފަހު އޭނާގެ މުސާރަ ބޮޑުކޮށްދިނުމަށް އޭނާ ރެއާލްއަށް ހުށަހެޅިއެވެ. ނަމަވެސް މަކެލޭލޭގެ މުސާރަ ބޮޑުކޮށްދޭކަށް ޕެރޭޒް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ޗެލްސީއިން މަކެލޭލޭ ގަތުމަށް ހުށަހެޅުމުން 16.8 މިލިއަން ޕައުންޑްގެ ޓްރާންސްފާ އަގަކަށް ރެއާލްއިން މަކެލޭލޭ ޗެލްސީއަށް ވިއްކާލިއެވެ.

މަކެލޭލޭ ވިއްކާލުމަށްފަހު ޕެރޭޒް ވިދާޅުވީ، މަކެލޭލޭ ނެތްތަން އެހާބޮޑަކަށް ނުދައްކާނެ ކަމަށާއި އޭނާއަކީ އެވަރޭޖް ކުޅުންތެރިޔެއް ކަމަށެވެ. ނަމަވެސް މަކެލޭލޭ ނެތްތަން ރެއާލްގެ ޑިފެންސަށް ކުރިމަތިވިއެވެ. ފަހުން ހުދު ޕެރޭޒްވެސް ވަނީ އެކަމަށް އެއްބަސްވެފައެވެ.

އޮޒިލްވެސް އާސެނަލްއަށް ވިއްކާލީ ގެރެތު ބޭލް ގަތުމަށް ރެއާލްއިން ހޭދަ ކުރި 85 މިލިއަން ޕައުންޑް ފޫބެއްދުމަށެވެ. އެހެންވެ އެއަގު ފޫބެއްދުމަށް ރެއާލްއިން އޮޒިލް ދޫކޮށްލުމުން އަދި އަދަށްދާންދެންވެސް ރެއާލްގެ މެދުތެރެއިން އޮޒިލް ނެތްތަން ފޫބެއްދިފައެއް ނުވެއެވެ.

ޑެލްބޮސްކޭގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމުމާއި އަންޗެލޮޓީ މަގާމުން ވަކި ކުރުން

ޕެރޭޒް ރެއާލްގެ ރައީސް ކަމުގެ ދައުރުގައި އޭނާ ރެއާލަށް ގެނައި އެންމެ މޮޅު ކޯޗުންގެ ލިސްޓްގައި ސްޕެއިންގެ މިހާރުގެ ކޯޗް ވިންސެންޓޭ ޑެލްބޮސްކޭއާއި ރެއާލްއަށް ދިހަ ވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދިން ކޯޗް ކާލޯ އަންޗެލޯއްޓީ ހިނެމެއެވެ.

ޑެލްބޮސްކޭ ރެއާލްއާ ހަވާލުވީ އެއްއަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން 2002-2003 ވަނަ އަހަރުއެވެ. ރެއާލްއާ ހަވާލުވެ އޭނާ ވަނީ އެޓީމަށް އެއަހަރު ސްޕެނިޝް ލީގް ކާމިޔާބު ކޮށްދީފައެވެ. ނަމަވެސް ޑެލްބޮސްކޭގެ ކޮންޓްރެކްޓް އާ ކުރަން ރެއާލްގެ ސަޕޯޓަރުން އެދެމުން ދިޔަ ނަމަވެސް ޕެރޭޒްގެ ނިންމުމަކީ ޑެލްބޮސްކޭގެ ކޮންޓްރެކްޓް އާ ނުކުރުމެވެ. ޖެހިގެން އައި ސީޒަންގައި ރެއާލްއިން ނިންމާލީ އެއްވެސް ތައްޓެއް ނުލިބިއެވެ.

އަންޗެލޯޓީ ރެއާލްއާ ހާވަލުވި ފުރަތަމަ އަހަރު ރެއާލްއަށް ޗެމްޕިއަންސް ލީގް ކާމިޔާބުކޮށްދިނެވެ. ނަމަވެސް ދެ ވަނަ އަހަރު ހުސްއަތާ ނިންމާލުމުން އަންޗެލޮޓީ މަގާމުން ވަކިކޮށް ނަގާ އެއްލާލިއެވެ. އަނެއްކަވެސް ރެއާލް މައްސަލަތަކެއްގެ ތެރެއަށް ވެއްޓުނީއެވެ. ޕެރޭޒްގެ މިފަދަ ނިންމުންތަކުން ރެއާލްއަށް ޓެކްނިކަލީ ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ރެއާލްގެ ސަޕޯޓަރުންގެ ބަހުންނަމަ ޕެރޭޒް އުޅެނީ ކުލަބެއް ހިންގާކަށް ނޫނެވެ. އޭނާ އުޅުއްވަނީ ވިޔަފާރި ޕްރޮޑަކްޓެއް މާކެޓް ކުރުމަށެވެ.

ޕެރޭޒްއާ ގުޅޭ އެހެން ވާހަކައެކެވެ. ކަޅު ކުޅުންތެރިންނަށް ބޮޑު މުސާރައެއް ދިނުމަކީ އޭނާ ބޭނުންވާ ކަމެއް ނޫންކަމަށް ރެއާލްގެ ކުރީގެ އެއް ވަން ގޯލް ކީޕަރު އިކާ ކަސިއަސްގެ އެޖެންޓް ސަންޓޯސް މާކޭޒް ވަނީ ތުހުމަތުކޮށްފައެވެ.

ކަސިއަސް ރެއާލް ދޫކޮށް ޕޯޗްގަލްގެ ޕޯޓޯއަށް ބަދަލު ވުމުން މާކޭޒް ބުނީ މަކެލޭލޭއާއި ސެމިއުލް އެޓޫ ފަދަ 'ކަޅު ނަސްލު' ގެ ކުޅުންތެރިންނަށް ރެއާލްއިން ބޮޑު މުސާރައެއް ދޭން ބޭނުން ނުވީ ޕެރޭޒް ބޭނުން ނުވުމުން ކަމަށެވެ.