01 Mar 2016, 11:23
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީން މިއަދު ހއ އަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް ޔާމީން ހއ އަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު އުތީމު އަދި ވަށަފަރަށް ވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅުގައި އެ ދެ ރަށުގެ ބަނދަރު އެމަނިކުފާނު ރަސްމީކޮށް ހުޅުވައިދެއްވާނެ އެވެ.
ހއ. އުތީމު ބަނދަރު ސަރަހައްދުގައި ގައުމީ ދިފާއީ ބާރުން ހަދާފައިވާ ކަޅުއޮށްފުންމީގެ ހަނދާނީ ބިނާ އިފްތިތާހް ކޮށްދެއްވުމަށް މިދިޔަ ޑިސެމްބަރު މަހު ވެސް ރައީސް ވަނީ އުތީމަށް ވަޑައިގެންފަ އެވެ.
އޭގެ އިތުރުން ފެބުރުއައީ މަހުގެ ތެރޭގައި ރައީސް ޔާމީން ވަނީ ގދ އަދި ނ އަތޮޅަށްވެސް ދަތުރުފުޅެއް ކުރައްވާފަ އެވެ. ނ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ހޮޅުދޫ ނަރުދަމާގެ ހިދުމަތް ފައްޓަވައިދެއްވައި، އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ވަނީ ނިންމަވައިދެއްވާފަ އެވެ.
އަދި ކުޑަފަރީގައި ސަރުކާރުން ތަރައްގީކޮށްދިން ބަނދަރުވެސް ރައީސް ޔާމީން ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވައިފަ އެވެ.
ގދ. ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށުގެ ނަރުދަމާ ނިޒާމު ރަސްމީކޮށް ފައްޓަވައި ދެއްވައި، އެރަށުގެ ބަނދަރުވެސް ހުޅުއްވައި ދެއްވިއެވެ. ހަމައެހެންމެ ނިމިފައިވާ އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ވެސް އިފްތިތާހު ކޮށްދެއްވިއެވެ.
ހަމައެއާއެކު ގައްދޫގައި ރައްކާތެރި ބޯފެނުގެ ހިދުމަތް ވެސް އެމަނިކުފާނު ވަނީ އިފްތިތާހް ކޮށްދެއްވާފަ އެވެ.