ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަށް ހުރި ޖަޕާންގެ ނައޯކޯ ކަވަމޯޓާ (ރިއޯ ކޯޗް) ގެ ދަށުން ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމަށް ކުރިއެރުންތަކެއް އަންނަ ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ. ފީފާ އިންޓަނޭޝަނަލް ފްރެންޑްލީ މެޗްތަކަކަށް ގައުމީ އަންހެން ޓީމު، އެކުވެރި އަރަބި އިމާރާތަށް ފުރާފައިވާއިރު ޓީމާއެކު ކޯޗެއް ނުދެއެވެ.

ފެބްރުއަރީގެ ނިޔަލަށް ރިއޯ ކޯޗް ކޮންޓްރެކްޓް ވަނީ ހަމަވެފައެވެ. އަންހެން ޓީމުގެ ކޯޗަށް މުސާރަ ދެނީ ޖަޕާންގެ ފުޓްބޯޅަ އެސޯސިއޭޝަނުންނެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ، ކޯޗްގެ ކޮންޓްރެކްޓް އާ ކުރަން ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް ކޯޗްގެ ކޮންޓްރެކްޓްގައި ބައެއް އެހެން ބައިތައް ހިމެނުމަށް ޖަޕާންގެ އެފްއޭއިން ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ރިއޯ ކޯޗްގެ ކޮންޓްރެކްޓާ މެދު ޖަޕާންގެ އެފްއޭއާ ވާހަކަ ދައްކަމުން. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ދިހަ ދުވަސް ތެރޭ ކޯޗާއެކު އާ އެއްބަސްވުމެއް ހެދިގެންދާނެ،" ބައްސާމް ވިދާޅުވިއެވެ.

ފެބްރުއަރީގެ ނިޔަލަށް ކޯޗްގެ ކޮންޓްރެކްޓް ހަމަވެފައިވުމުން މިމެޗްތަކުގައި ޓީމަށް އިރުޝާދު ދޭނީ ގައުމީ އަންހެން ޓީމުގެ އެސިސްޓެންޓް ކޯޗް އިބްރާހިމް ހަލީމް (ޖަޑާ) އެވެ.

އެފްއޭއެމް އިން ދަނީ މިއަހަރު އަންހެން ފުޓްބޯޅަ ލީގެއް ފެށުމަށް މަސައްކަތް ކުރަމުންނެވެ. މި ލީގް އެކުލަވާލުމުގައި ޓެކްނިކަލް ސައިޑުން އެފްއޭއެމްގެ އަންހެން ފުޓްބޯޅަ ޑިޕާޓްމެންޓާއެކު ރިއޯ ކޯޗް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

އަދި އެފްއޭއެމްއިން ކޮންމެ އަހަރަކު ބާއްވާ ވިމެންސް ފުޓްބޯޅަ ޗެމްޕިއަންޗިޕްގައިވެސް ޓެކްނިކަލް ސައިޑުން ރިއޯ ކޯޗް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައެވެ.