02 Mar 2016, 15:06
ލ. ގަމުގައި މޫނު ނިވާކޮށްގެން ހުރި މީހަކު ގެއަކަށް ވަދެ އަންހެނެއްގެ ލޮލަށް ހަމަލާދީފި އެވެ.
މި ހާދިސާ ހިނގާފައި ވަނީ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގަމު ގެއަކަށް މީހަކު ވަދެ އަންހެނެއްގެ ލޮލަށް އިނގިލި ކޮއްޕާލި މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ ލޮލަށް އިނގިލި ކޮއްޕާލި މީހާ އެ ހޮސްޕިޓަލުން ފަރުވަ ހޯދާފައިވާ ކަމަށެވެ. އޭނާގެ ލޯ ރަތް ވެފައި ހުރި ނަމަވެސް ލޮލަށް ލިބުނު ގެއްލުމުގެ ތަފްސީލް އަދި ނުލިބޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ސީރިއަސް އެއް ނޫން ޔަގީނުން ވެސް،" އޭނާ ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މެދު އުމުރުގެ އެ އަންހެން މީހާ އަކީ ސިކުނޑީގެ ކޮންމެސް ވަރެއްގެ މައްސަލައެއް ހުންނަ މީހެކެވެ.