02 Mar 2016, 21:28
މެލޭޝިއާ އެއާލައިންގެ، ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް370ގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް އެފްރިކާގެ ގައުމެއް ކަމަށްވާ މޮޒަމްބީކަށް ލައްގައިފިއެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެންއިން ބުނީ މިދިޔަ އާދީއްތަ ދުވަހު މޮޒަމްބީކްގެ ގޮނޑު ދޮށުން ފެނު އެ ބައި، އިތުރަށް ތަހުގީގު ކުރުމަށް މެލޭޝިއާއަށް ގެންދިއުމުގެ މަގުމަތީގައިވާ ކަމަށެވެ.
މޮޒަމްބީކުން ފެނިފައި ވަނީ ބޯއިން 777 މަރުކާގެ މަތިންދާބޯޓެއްގެ ފަހަތު ފިޔަގަނޑު ( ހޮރިޒޯންޓަލް ސްޓެބްލައިޒާ ސްކިން) ގެ ބައެކެވެ.
އެމްއެޗް370 ފިޔަވައި އެމަރުކާގެ މަތިންދާބޯޓެއް ގެއްލި، ނުފެނި ވާކަމަށް ތާރީހުން އެނގެން ނެތުމުން އެއީ އެ ބޯޓްގެ ބައެއް ކަމަށް އެމެރިކާ އޮފިޝަލުން ލަފާ ކުރެއެވެ.
ނަމަވެސް މެލޭޝިއާ އެއާލައިން އިން ބުނެފައި ވަނީ މޮޒަމްބީކުން ފެނުނު އެއްޗާއި މެދު އަދި ވަކި އެއްޗެއް ބުނަން ދަތި ކަމަށެވެ.
މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓް އެމްއެޗް 370 ގެއްލުނީ 2014 ވަނަ އަހަރުގެ މާޗްމަހުގެ އަށް ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިންއަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓް ގެއްލުނު އިރު އޭގައި 239 މީހުން ތިއްބެވެ.