03 Mar 2016, 11:50
ނިއުޒިލެންޑުގެ ދިދަ ބަދަލުކުރުމަށް އެ ގައުމުގެ މިހާރުގެ ގައުމީ ދިދަ އާއި ރައްޔިތުންގެ މެދުގައި ވޯޓަކުން ހޮވުނު ދިދައާ ދެމެދު ވޯޓުލުން ފެށިގެން ކުރިއަށް އެބަދެ އެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުން މިއީ ނިއުޒިލެންޑުގެ ގައުމީ ދިދަ ބަދަލުކޮށްލަން ލިބޭނެ އެންމެ ފަހުގެ އަދި ރަނުގެ ފުރުސަތެކެވެ. ވޯޓުލުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ހުޅުވާލެވިފައިވާނެ ކަމަށް އެ ގައުމުގެ އިދާރާތަކާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެ އެވެ.
މިހާރުގެ ދިދައާ ވާދަކުރަން މީގެ ކުރިން ފަސް ދިދައިގެ މެދުގައި ވޯޓުލައިގެން އެ ގައުމުގެ ރައްޔިތުންގެ ތާއީދު އެންމެބޮޑަށް ލިބުނީ ކަޅާއި ނޫކުލައިގެ ދިދައިގައި ހުދުކުލައިގެ ފަތްކޯޅި އިން ޑިޒައިނެވެ. އެ ޑިޒައިން ތައްޔާރުކޮށްފައި ވަނީ ކައިލް ލުކްވުޑް އެވެ.

ނިއުޒިލެންޑުގެ ގައުމީ ދިދަ ބަދަލުކުރުމަށް ޑިޒައިނެއް ހޮވުމަށް ވޯޓުގައި ބައިވެރިވި ފަސް ދިދަ ، މީގެތެރެއިން އެއްދިދަ ވަނީ ހޮވާފައި --
ނިއުޒިލެންޑުގެ މިހާރުގެ ދިދައާ ވާދަކުރަން ދިދައެއް ހޮވުމަށް ބޭއްވި ވޯޓުލުމުގައި 48.78 ޕަސެންޓް މީހުން ވޯޓުލާފައިވެ އެވެ. ހޮވުނު ދިދައިގެ ޑިޒައިން ތައްޔާރު ކުރި ކައިލް ބުނެފައި ވަނީ އޭނާގެ ޑިޒައިން ހޮވުމުން ލިބުނީ ހައިރާން ކަމެއް ކަމަށެވެ.
ނިއުޒިލެންޑުގެ މިހާރުގެ ދިދަ ބަދަލު ކުރަން ވޯޓުލާން ފަށާފައި ވަނީ އެގައުމުގެ މިހާރުގެ ދިދަ އާއި އޮސްޓްރޭލިއާގެ ދިދައާ މާބޮޑަށް އެއްގޮތްވުމުންނެވެ. ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖޯންކީ ވިދާޅުވެފައި ވަނީ މިހާރުގެ ދިދަ އެމަނިކުފާނަށް ކަމުދާ ކަމަށެވެ. އަދި އެ ދިދައަށް ވޯޓު ދިނުމަށް ޖޯން ވަނީ ލަފާ ދެއްވާފަ އެވެ.

ނިއުޒިލެންޑުގެ މިހާރުގެ ދިދަ: ދިދަ ބަދަލުކުރުމަށް މިހާރުވަނީ ވޯޓުލާން ފަށާފައި--
ނިއުޒިލެންޑްގެ އިތުރުން ފިޖީގައި ވެސް މިހާރު ދަނީ ދިދަ ބަދަލުކުރުމަށް ވޯޓުލާން ފަށާފަ އެވެ. އެ ގައުމުގެ ދިދަ ބަދަލު ކުރަން ވޯޓުލަނީ އިނގިރޭސިންގެ ދިދައާ އެއްގޮތްކަމެއް ހުރިކަމަށް ބުނެ އެވެ.