03 Mar 2016, 19:56
ގއ. މާމެންދޫ ފުއްޓަރު ފަރާތަށް ކަނޑަށް އެރި އަމިއްލައަށް މަރުވާން އުޅުނު ފިރިހެނަކު ފުލުހުން ސަލާމަތް ކޮށްފި އެވެ.
ފުލުހުން ބުނީ އަމިއްލައަށް މަރުވާން އުޅެނިކޮށް ސަލާމަތްކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިއަދު މެންދުރުފަހު ހިނގި އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުމާއެކު ގއ. މާމެންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ގއ. ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ކުރި މަސައްކަތުން އޭނާ ސަލާމަތް ކޮށްފައި ވަނީ މިއަދު 15:00 ހާއިރު އެވެ.
އެ ހާދިސާގައި ޒުވާނާގެ އަތަށް އަނިޔާ ލިބިފައިވާ ކަމަށާއި ވިލިނގިލީ ހޮސްޕިޓަލުން އޭނާއަށް ވަނީ ފަރުވާ ދީފަ އެވެ. އަދި މިހާރު ޑޮކްޓަރުގެ ލަފާގެމަތިން ގދ. ތިނަދޫ ހޮސްޕިޓަލަށް އޭނާ ބަދަލު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫންކަން ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެ އެވެ.
އެ ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.