ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ދައްކާލާ އެ ފަރާތްތަކުގެ މަސައްކަތް މާކެޓަށް ނެރުމަށްޓަކައި މިދިޔަ އަހަރުގެ ފަހުކޮޅު ކުރިއަށް ގެންދިޔަ "ރެދަން 2015 – ފަންނުވެރި އަހަރެމެން" މައުރަޒުން އެންމެ ގިނަ ވޯޓު ލިބުނު އައިޓަމް ތައްޔާރު ކުރި ބައިވެރިޔާއަށް މިއަދު އިނާމު ހަވާލުކޮށްފި އެވެ.

މައުރަޒުގައި ދައްކާލި ތަކެތީގެ ތެރެއިން އެންމެ ގިނައިން ވޯޓު ލިބުނު އައިޓަމް ތައްޔާރުކޮށް، "ވިޒިޓާސް ޗޮއިސް" އެވޯޑު ހޯދާފައި ވަނީ މުހައްމަދު މާހިރު (ހިންމަތް، ބ.ތުޅާދޫ) އެވެ.

މާހިރަށް އެވޯޑު ލިބުނީ އޭނާ ތައްޔާރުކޮށް މައުރަޒުގައި ދައްކާލި ޔޮޓެއްގެ ފަރުމާ އަށެވެ.

މާހިރު މައުރަޒަށް ތައްޔާރު ކުރި އައިޓަމް -- ސަން ފޮޓޯ: ފަޔާޒް މޫސާ

މިއަދު ޖެންޑާ މިނިސްޓްރީގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި މާހިރަށް ވަނީ ތުރުކީ އެއާލައިންގެ ފަރާތުން ޔޫރަޕުގެ ކޮންމެވެސް މަންޒިލަކަށް ދެ މީހެއްގެ ދެކޮޅު ހަވާލުކޮށްފަ އެވެ.

އޭގެ އިތުރުން، ތިލަފުށި ކޯޕަރޭޝަންގެ ފަރާތުން މާހިރަށް ވަނީ 2000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ވެސް ދީފަ އެވެ. މާހިރަށް ޗެކު ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަލީ ނާސިހު އެވެ.

"ރެދަން 2015 – ފަންނުވެރި އަހަރެމެން" ގެ އެންމެ ގިނަ ވޯޓު ލިބުނު މާހިރަށް ތިލަފުށި ކޯޕަރޭޝަންގެ ފަރާތުން ފައިސާގެ އިނާމު ހަވާލު ކުރަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ރެދަން މައުރަޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ފުރިހަމަ ކުރުމަށް ޓަކައި އެޅިގެން ދިޔަ ބޮޅެއް ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެ އެވެ.

މިދިޔަ އަހަރު އަލަށް ފެށި އެ މައުރަޒު ކުރިއަށް އޮތްތާނގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.