07 Mar 2016, 10:39
އިނގިރޭސި ޕްރިމިއާ ލީގްގައި ވެސްޓް ބްރޮމް އަތުން 1-0ގެ ނަތީޖާއަކުން މެންޗަސްޓާ ޔުނައިޓެޑް ބަލިވެ ތާވަލުގެ ފަސް ވަނައަށް އަރަން ލިބުނު ފުރުސަތު އެ ޓީމުން ގެއްލުވާލާފި އެވެ.
އެ ބައްޔާ އެކު ޔުނައިޓެޑް އޮތީ 47 ޕޮއިންޓާއެކީ ލީގް ތާވަލުގެ ހަވަނައިގަ އެވެ. ފަސްވަނާގައި 49 ޕޮއިންޓާއެކީ ވެސްޓްހަމް ޔުނައިޓެޑް އޮތް އިރު، ހަތަރުވަނާގައި މި ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެ 50 ޕޮއިންޓާއެކީ އޮތީ މެންޗެސްޓާ ސިޓީ އެވެ.
ވެސްޓްބްރޮމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ 27 ވަނަ މިނެޓްގައި ޔުނައިޓެޑްގެ މިޑްފިލްޑަރު ހުއާން މާޓާއަށް ވަނީ ދެ ރީނދޫ ކާޑާ އެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. މާޓާއަށް ރަތްކާޑު ދެއްކީ ކައިރިކައިރީ އޭނާ ކުރި ދެ ފައުލާ ގުޅިގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ވެސްޓް ބްރޮމް އާއި މެންޗަސްޓާ ޔުނައިޓެޑް ކުޅުނު މެޗުގައި ވެސްޓްބްރޮމްގެ ސޮލަމަން ޔުނައިޓެޑްގެ ގޯލަށް ބޯޅަ ފޮނުވާލަނީ --- ފޮޓޯ: އޭޕީ
އެ ރައްކާޑާ ގުޅިގެން ޔުނައިޓެޑްގެ ކޯޗު ލުއިސް ވެން ހާލް ބުނީ މާޓާ ކުރި ފައުލަކީ އިނދިކޮޅު ކުޅުންތެރިއާ އަށް އަމާޒުކޮށްގެން ކުރި ފައުލެއް ނޫން ކަމަށާއި ރީނދޫ ކާޑެއް ދައްކާފައި ވަނިކޮށް ދެވަނަ ފަހަރަށް ޓެކުލް އެއް ކުރާއިރު ވިސްނާލަން ޖެހޭނެ ކަމަށެވެ.
މާޓާއަށް ދެއްކި ރަތްކާޑާއެކީ މެޗުގެ ބޮޑުބައެއް 10 ކުޅުންތެރިންނާއެކީ ޔުނައިޓެޑުން ފުރިހަމަކުރަން ޖެހުނު އިރު، އެ ޓީމުން ކުޅެފައިވަނީ ވަރަށް ޑިފެންސިވް ކުޅުމެކެވެ.
އެގޮތުން މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު 66 ވަނަ މިނެޓްގައި ވެސްޓް ބްރޮމްއަށް ކާމިޔާބުކޮށްދިނީ ހޯޒޭ ސޮލަމަން ރޮންޑޮން އެވެ. މިއީ 1984 ވަނަ އަހަރަށް ފަހު ޔުނައިޓެޑްގެ މައްޗަށް ވެސްޓް ބްރޮމްގެ ދަނޑުގައި އެޓީމުން ހޯދި ފުރަތަމަ މޮޅެވެ.
ލީގްގައި ރޭ ލިވަޕޫލުން ވަނީ އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ ފަހަތުން އަަރައި 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ.
ކްރިސްޓަލް ޕެލަސްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ނުދިޔަ ނަމަވެސް، ދެވަނަ ހާފްގެ 49 ވަނަ މިނެޓްގައި ޕެލެސްގެ ޖޯސެފް ލެޑްލީ ވަނީ އެޓީމަށް ލީޑުނަގާދީފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ކްރިސްޓަލް ޕެލަސް އާއި ލިވަޕޫލް ކުޅުނު މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލު ރޮބާޓޯ ފަމީނޯ ކާމިޔާބް ކުރުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
އެމެޗުގެ 63 ވަނަ މިނެޓްގައި ލިވްޕޫލްގެ ޖޭމްސް މިލްނާ އަށް ދެ ރީނދޫ ކާޑާ އެކު ދެއްކި ރަތްކާޑާ އެކު، އެ ޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކު އެވެ.
ނަމަވެސް ލިވަޕޫލްގެ ފަރާތުން ރަނގަޅުކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ 72 ވަނަ މިނެޓްގައި ރޮބާޓޯ ފަމީނޯގެ ގޯލުން ނަތީޖާ އެއްވަރުވެގެން ދިޔައިރު ލީވަޕޫލްއަށް ލީޑް ލިބިގެންދިޔައީ މެޗުގެ ފަހު މިނެޓްގައި ލިބުނު ޕެނަލްޓީއެއް ކްރިސްޓިއަން ބެންޓެކް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އެ މޮޅާއެކީ ލިވަޕޫލް ވަނީ 44 ޕޮއިންޓާއެކީ ލީގުގެ ހަތްވަނައަށް ޖެހިލައިފަ އެވެ. ލިވަޕޫލް އަތުން ބަލިވި ޕެލެސް އޮތީ 33 ޕޮއިންޓާއެކީ ލީގުގެ 15 ވަނައިގަ އެވެ.