ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 13 އަހަރުގެ ޖަލު ހުކުމް ބާތިލު ކޮށްދިނުމަށް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމާ ގުޅިގެން ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ.


ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، 13 އަހަރަށް ޖަލަށް ލުމަށް ދަށު ކޯޓުން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހިފައި ހައްޔަރުކޮށް ނިޒާމުން ގެއްލުވާލި މައްސަލައިގަ އެވެ. ނަމަވެސް އަބްދުﷲ މުހައްމަދު ބަންދުގައި ބެހެއްޓުމަށް ނަޝީދު އަމުރުކުރި ކަމެއް ވެސް އަދި އެ ހުރިހާ އަމަލެއް ހިންގީ ނަޝީދުކަމެއް ވެސް ދައުލަތަށް ކްރިމިނަލް ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާ ކަމަށް ނަޝީދުގެ ވަކީލުން އަންނަނީ ވިދާޅުވަމުންނެވެ. ނަމަވެސް ދައުލަތުގެ ވަކީލުން އެ ވާހަކަތައް ދޮގު ކުރެ އެވެ.