07 Mar 2016, 14:53
މިސީޒަނަށް ވިކްޓަރީ ސްޕޯޓްސް ކްލަބް ވަރުގަދަ ކުރުމަށް އެޓީމުން ގެންނަން ނިންމާފައިވާ ފްރާންސް ކުޅުންތެރިޔާ މާލެ އައިސް ޓީމާ ގުޅިއްޖެއެވެ.
ވިކްޓަރީގެ ޗެއާމަން އަހުމަދު އަސްއަދު މިއަދު 'ސަން' އަށް ވިދާޅުވީ، ފްރާންސްގެ އެ ކުޅުންތެރިޔާ މިއަދު މާލެ އައިސްފައިވާ އިރު މިއަދުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާނެ ކަމަށާއި އޭގެ އިތުރުން މި ހަފްތާތެރޭގައި ޖަޕާނުގެ ކުޅުންތެރިއެއް ވެސް ޓީމާ ގުޅޭނެ ކަމަށެވެ.
ވިކްޓަރީން ވަނީ މިއަހަރުގެ ސީޒަނަށް އެ ޓީމު ވަރުގަދަ ކުރުމަށް ބިދޭސީ ހަތަރު ކުޅުންތެރިން ގެންނަން ނިންމާފައެވެ. އޭގެ ތެރޭގައި ފްރާންސްގެ ދެ ކުޅުންތެރިން ހިމެނޭއިރު އެޓީމަށް މިދިޔަ ސީޒަންގައި ކުޅުނު ފޯވަޑް އޮމަދޫ ގޮޑްފްރޭ ވެސް ވަނީ އިއްޔެ މާލެ އައިސްފައެވެ.
އާ މެނޭޖްމަންޓެއްގެ ދަށުން އާ ސީޒަނަށް ތައްޔާރުވަމުން އަންނަ ވިކްޓަރީން ވަނީ ގައުމީ ޓީމުގެ ތިން ވަނަ ގޯލު ކީޕަރު އިފްރާހް އާރިފް އެ ޓީމަށް ގެނެސްފައެވެ. އަދި އޮސްޓްރިއާގައި ކުޅޭ ދިވެހި ކުޅުންތެރިޔާ މަނީއު ރައޫފް ވެސްވަނީ ވިކްޓްރީއާ ގުޅިފައެވެ.
ވިކްޓަރީގެ ކޯޗަކީ ކުރިން އެ ޓީމަށް ކުޅުނު މުހައްމަދު ނަޒީހެވެ.