ބެއިޖިން (މާޗް 7): ޗައިނާގެ އަންހެނަކު ލިފްޓެއް ތެރޭ ތާށީވެގެން މަރުވެފައި އޮއްވައި އެއް މަސް ފަހުން ފެނިއްޖެ އެވެ.

ޗައިނާގެ ހުޅަނގުގައި އޮންނަ ޝީއާން ސަހަރުގެ އިމާރާތެއްގެ ލިފްޓް ތެރޭ 42 އަހަރުގެ އަންހެންމީހާ ތާށީވީ އޭގެ ތެރޭގައި މީހަކު ހުރިތޯ ރަނގަޅަށް ނުބަލައި ލިފްޓް މަރާމާތު ކުރާ މީހުން ލިފްޓުގެ ކަރަންޓު ކަނޑާލުމުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަންހެންމީހާގެ ހަށިގަނޑު ފެނުނީ އާ އަހަރަށް މަސައްކަތް މެދުކަނޑާލުމަށް ފަހު، ލިފްޓް މަރާމާތު ކުރާ މީހުން އެއް މަސްފަހުން ލިފްޓު ހުޅުވުމުންނެވެ.

ޗައިނާގެ ސަރުކާރުން ބުނީ އެ ހާދިސާ ހިނގީ މަރާމާތު ކުރާ ފަރާތްތަކުގެ ފަރުވާކުޑަކަމުން ކަމަށެވެ. ލިފްޓް ކަނޑާލުމުގެ ކުރިން އެމީހުން ލިފްޓްގެ އެތެރެ ބަލާފައި ނުވެ އެވެ.

އެމައްސަލައާ ގުޅިގެން ފުލުހުން ވަނީ ލިފްޓް މަރާމާތު ކުރި މީހުންގެ މައްޗަށް ގަސްތަކާއި ނުލައި މީހަކު މެރުމުގެ ދައުވާކޮށްފަ އެވެ.

ޗައިނާގެ ނޫސްތަކުގައިވާ ގޮތުން އެ އަންހެން މީހާ އެ އިމާރާތުގައި ދިރިއުޅެމުން ދިޔައީ އެކަންޏެވެ. އަދި އަންހެންމީހާ އޭނާގެ އާއިލާއާ ގާތްގުޅުމެއް ނުބާއްވާ ކަމަށް ވެސް ބައެއް ހަބަރުތަކުގައިވެ އެވެ.

އެކަށީގެންވާ ސަލާމަތީ ފިޔަވަޅު ނޭޅުމާ ގުޅިގެން ޗައިނާގައި އެފަދަ ހާދިސާތައް ހިނގުމަކީ އާއްމުކަމެކެވެ. (ބީބީސީ)