އިސްލާމްއާބާދު (މާޗް 7): ޕާކިސްތާނުގެ ޕިޝާވަރު ކައިރީ އޮންނަ އަވަށެއްގެ ކޯޓެއްގެ ބޭރުގައި ޖާނުން ފިދާވުމުގެ ހަމަލާއެއްދީ ނުވަ މީހަކު މަރާލައިފި އެވެ.

ހަމަލާގެ ޒިންމާ ނެގި ތާލިބާނުންނަށް ގުޅުން އޮންނަ ޖަމާއަތުން ބުނީ އެހަމަލާ ދިނީ ޕާކިސްތާނުގެ ސަރުކާރުން މުމްތާޒް ގަދްރީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެންނެވެ. ގަދްރީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރީ ޕަންޖާބުގެ ގަވަރުނަރު ސަލްމާން ތަސީރު މަރާލުމާ ގުޅިގެންނެވެ.

ޕާކިސްތާނުގެ ފުލުހުން ބުނީ ހަމަލާދިން މީހާ މަސައްކަތް ކުރީ ކޯޓު ތެރެއަށް ވަންނަން ކަމަށެވެ. ނަމަވެސް ސަލާމަތީ ފަރާތްތަކުން އޭނަ ހުއްޓުވުމުން ކޯޓުގެ ދޮރު ކައިރީގައި ބޮން ގޮއްވަލީ ކަމަށެވެ.

އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ދެ އަންހެނަކާއި ކުޑަކުއްޖަކު ހިމެނޭ ކަމަށާއި 18 މީހަކަށް އަނިޔާވި ކަމަށް ވެސް ފުލުހުން ބުންޏެވެ. (އަލްޖަޒީރާ)