07 Mar 2016, 20:38
ފަލަސްތީނުމީހުންނަށް އެ މީހުންގެ ގައުމުގައި އަމާންކަންމަތީގައި އުޅެވޭނެ ދުވަހެއް ދުށުމަކީ ރާއްޖޭން ކުރާ އުއްމީދެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.
އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަސް ވަނަ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޒިޔާދު އިއްޔެ ވިދާޅުވީ ފަލަސްތީނު މީހުންގެ ހައްގުގައި ބައިނަލް އަގުވާމީ މުޖުތަމައުގައި ވަކާލާތު ކުރުން ރާއްޖޭން ކުރިއަށް ގެންދާނެ ކަމަށެވެ.
"...އަހަރެމެން އުއްމީދު ކުރަނީ އަދި އަހަރެމެން ދެކޭ ހުވަފެނަކީ ފަލަސްތީނުގެ އަޚުންނާއި އުޚުތުން، ސުލްހަ އާއި އަމާންކަމުގައި އެ މީހުންގެ ގައުމުގައި އުޅޭ ދުނިޔެއެއް ދުށުމަށް،" އޯއައިސީގެ ބައްދަލުވުމުގައި ކުރެއްވި ތަގުރީރު ނިންމަވައިލައްވަމުން ޒިޔާދު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފަލަސްތީނަށް މިނިވަންކަން ހޯދައިދީ އަމާންކަން ގާއިމް ކުރަން މާނަ ހުރި ފިޔަވަޅުތަކެއް އަޅައި ދިނުމަށް އޭނާ ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލަށް ގޮވައިލެއްވި އެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް އިސްލާމީ އުންމަތް ތެދުވެ ގަދައަޅާ މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ އުނދަގޫ ކަމެއް ނަމަވެސް، އަލިމަގެއް ފެންނަންދެން ހުއްޓާނުލައި މި މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.