މިދިޔަ މަހުގެ 21 ވަނަ ދުވަހު ގއ. ކޫއްޑޫ ފުއްޓަރު ފަރާތަށް ލަނޑާނަގަން އެރި އުޅުމުގެ ތެރޭގައި ގެއްލުނު މީހާ ހޯދަން، އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ހުއްޓާލައިފި އެވެ.

ލަނޑާ ނަގަން އެރި އުޅެނިކޮށް ގެއްލިފައި ވަނީ ހދ. ކުޅުދުއްފުށީ ބޮޑުދުނބުރިގޭ އަބްދުއްރަޝީދު އަލީ، 32. އެވެ.

އަބްދުއްރަޝީދު ހޯދާން ކޯސްޓުގާޑުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ހުއްޓާލި އިރު އޭނާ ގެއްލުނު ސަރަހައްދުގެ 100 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި ނަމަވެސް އޭނާގެ އެއްވެސް ހަބަރެއް ވެފައި ނުވާކަމަށް ކޯސްޓްގާޑުން ވަނީ ބުނެފަ އެވެ.

އަބްދުއްރަޝީދު ހޯދަން ހާއްސަ ސާޗް އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ނޫރައްދީން" އާ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ޣާޒީ" އާ ކުރަނގި ހެލިކޮޕްޓަރާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބާ ކްރާފްޓް އަދި އެމްއެންޑީއެފްގެ ޑައިވަރުން ވަނީ ކަނޑުގެ މަގުންނާއި ވައިގެ މަގުން، އޭނާ ގެއްލުނު ސަރަހައްދު ބަލާފަ އެވެ.

އޭނާ ޑައިވިނަށް ފޭބިއިރު ލައިގެން ހުރީ ކަޅު ކުލައިގެ ޑައިވިންގ ސޫޓަކާއި (ނޫ ކުލައިގެ ބީސީޑީ) ކަޅު ފިންސް އަދި ފިޔާތޮށި ކުލައިގެ މާސްކެއް ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ބުނެ އެވެ.

ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދާ އަބްދުރަޝީދު އަލީ މޫދަށް ފޭބުމަށް ފަހު މިސްރާބު ޖަހާފައި ވަނީ ގއ. ވިލިނގިއްޔާ ދިމާއަށް ކަމަށް އޭނާ އާ އެކު ލަނޑާނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ މީހުން މައަލޫމާތު ދީފައިވާ ކަމަށެވެ.

އޭނާ ގެއްލިފައިވާ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވެ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓް ގާޑް ނުވަތަ ފުލުހުންނާ ހިއްސާ ކުރުމަށް އެދޭ ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.