08 Mar 2016, 18:51
މި މަހުގެ 17ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީބޯލް އެސޯސިއޭޝަންގެ އިންތިޚާބުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު މެންދުރު 12:00 އަށް ހަމަވެފައިވާއިރު، އެ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމަށް ކުރިމަތި ލައްވާފައި ވަނީ މިހާރުގެ ރައީސް މުޙައްމަދު ރިޔާޒު އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.
ކުރިން ހީކުރި ގޮތާ ޚިލާފަށް އެންމެ ފަހުން 2012 ވަނަ އަހަރު ބޭއްވި ވީއޭއެމްގެ އިންތިޚާބުގައި ރިޔާއާ ވާދަކޮށް އެންމެ ވޯޓަކުން ބަލިވި ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި މަޝްހޫރު ފޮޓޮގްރާފަރު މުހައްމަދު ޝާފީ މިފަހަރު ވެސް ވާދަކުރައްވާނޭ ކަމަށް އިއުލާނު ކުރެއްވި ނަމަވެސް ވަގުތު ހަމަވީއިރު، އޭނާ އެ މަގާމަށް ކުރިމަތިލައްވާފައެއް ނުވެއެވެ.
ވީއޭއެމްގެ ރައީސް ކަމުގެ މަގާމަށް ވާދަކުރައްވާނެ ކަމަށް، އެ އެސޯސިއޭޝަންގެ މިހާރުގެ ނައިބު ރައީސް އިލްޔާސް ވަހީދު (އިއްލަ) ކުރިން ހާމަކުރައްވާފައި ވީ ނަމަވެސް އޭނާވެސް އެ މަގާމަށް ވާދައެއް ނުކުރައްވަ އެވެ. އިއްލަ މިފަހަރު ވެސް ވާދަކުރައްވަނީ ހަމަ ނައިބު ރައީސްގެ މަގާމަށެވެ. އިއްލަގެ އިތުރުން ނައިބު ރައީސް ކަމަށް ވާދަ ކުރައްވަނީ، ޔޫތު ސްޕޯޓްސް ކްލަބުގެ ރައީސް އަލީ އިޔާޒެވެ.
ހޮވޭނޭ ކަމުގެ ޔަގީންކަން އެބަ އޮތް: ކާނަލް
ކާނަލް ގިނަ ބަޔަކަށް އެނގިފައި އޮންނަނީ ސިޔާސީ މީހެއްގެ ގޮތުގަ އެވެ. މަޖިލީހުގެ ތަޅުމުގަ އާއި ސިޔާސީ ރެލީތަކުގައި އޭނާ އަބަދުވެސް ފެނެ އެވެ. އަދަބީ ހަރަކާތްތަކުގައި ކުޅަދާނަ ވާހަކަދެއްކުންތެރިއެއްގެ ގޮތުގައި އާންމުންނަށް އޭނާ ފާހަގަވެފައިވިޔަސް ކުޅިވަރުގެ ދަނޑަކުން އޭނާ ނުފެނެ އެވެ. ނަމަވެސް މިފަހަރު އޭނާ ކުޅިވަރުގެ ދަނޑަަށް ނުކުންނަށް ނިންމީ އެވެ.
ކާނަލް ބުނާ ގޮތުން ވޮލީ ކޯޗެއްގެ ގޮތުގައްޔާއި ވޮލީ ރެފްރީއެއްގެ ގޮތުގައި އޭނާ ކުރިން ފެނިފައިވާނެ ކަމަށާއި ކުޅިވަރުގެ ހިންގުންތެރިއަކަށްވާން ނިންމީ ސިޔާސީ ދާއިރާއިން "މަޑުމަޑުން ދުރަށްދާތީ" ކަމަށެވެ. އޭނާ ބުނީ މިހާރު ބޭނުންވަނީ ކުޅިވަރާއި ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރުމަށް ކަމަށެވެ.
އިންތިޚާބާ ގުޅޭ ގޮތުން ކާނަލް މިއަދު "ސަން"އަށް ވިދާޅުވީ "އިންތިޚާބު ކުރިއަށް ގެންދަން ތާވަލުކުރެވިފައިވާ ގޮތަށް ގަވާއިދުން ކުރިއަށް ގެންގޮސްފިނަމަ ކާމިޔާބު ކުރެވޭނޭ ކަމުގެ ޔަގީންކަން އެބަ އޮތް،" ކަމަށެވެ.
އޭނާ ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ބާއްވާއިރު، އެހެން ފަރާތްތަކުގެ ނުފޫޒު އިންތިޚާބުގެ ތެރެއަށް ވަނުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އަދި، މިފަހަރު ވޮލީބޯލް އެސޯސިއޭޝަންގެ އިންތިޚާބަށް އެފަދަ ނުފޫޒެއް ނުފޯރާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އިންތިޚާބު ލަސްކޮށް ދިގުދެންމުމަކީ އެދެވޭ ކަމެއް ނޫން. ދެން ކުޅިވަރުގެ އިންތިޚާބުތަކަށް އެހެން ފަރާތްތަކުގެ ނުފޫޒު ވަންނާތީ އެއީ ވެސް ކަންބޮޑުވާ ކަމެއް. އަޅުގަނޑު ދަންނަވާނީ، އިންތިޚާބު މިހާރު އޮތް ތާރީޚުގައި ގަވާއިދުން ކުރިއަށް ގެންގޮސްފި ނަމަ، އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތޭ،" ކާނަލް ވިދާޅުވި އެވެ.
ކާނަލްގެ ވައުދު:
ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖެއަށް ވޮލީބޯޅައިން ރަން މެޑައްޔެއް ހޯދައި ދިނުމަކީ އެންމެ ފުރަތަމަ ޓާގެޓް ކަމަށާއި އެކަމަށް ބޭނުންވާ ވަސީލަތްތަކއް ގާއިމުކޮށް ރާއްޖޭގެ ވޮލީބޯޅަ އެހެން ހަރުފަތަކަށް ގެންގޮސްދެއްވާނެ ކަމަށް ކާނަލް ވިދާޅުވި އެވެ. މީގެ އިތުރުން، ސަރުކާރުން ވޮލީބޯޅައަށް ދޫކޮށްފައިވާ ބިމުގައި ރަނގަޅު ފެންވަރުގެ ކުޅިވަރު އެކުވެންޏެއް އެޅުމަކީވެސް އޭނާގެ ތަސައްވުރެއް ކަމަށް ކާނަލް ވިދާޅުވިއެވެ.
އަންނަ ދައުރުގައި ވެސް އޮންނާނީ ހަމަ މި ހިންގާ ކޮމިޓީ: ރިޔާ
މިފަހަރުގެ އިންތިޚާބާ ބެހޭގޮތުން ވީއޭއެމްގެ މިހާރުގެ ރައީސް މުޙައްމަދު ރިޔާޒު ވިދާޅުވީ، ރައީސް ކަމަށް މިފަހަރު ވެސް ކުރިމަތި ލެއްވީ އެ މަގާމު ދިފާއުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމާ އެކުގައި ކަމަށެވެ. އެގޮތުން ކާނަލް ފަދަ ނުފޫޒު ގަދަ ބޭފުޅަކާ އިންތިޚާބުގައި ވާދަކުރައްވަން ޖެހުމަކީ ލިބޭ ވަރަށް ބޮޑު ހިންހަމަ ޖެހުމެއް ކަމަށާއި އަދި ކާނަލަށް މަރުހަބާ ކިޔުއްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ކާނަލަކީ ހަމަ ރަނގަޅު ޝަހުސިއްޔަތެއް. އަޅުގަނޑަށް ބޮޑަށް ރަނގަޅީވެސް މިކަން ކުރެވޭ ފަދަ ގާބިލް މީހަކު އިންތިޚާބުގައި ވާދަކުރުން. ދެން އެ މީހަކީ އެންމެ ރަނގަޅު ކެންޑިޑޭޓުތޯ ނިންމާނީ، ކްލަބްތަކުން،" 2008 އަކުން ފެށިގެން ވޮލީބޯލް އެސޯސިއޭޝަންގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ރިޔާ ވިދާޅުވިއެވެ.
މިހާރު ހޯދާފައިވާ ކާމިޔާބީ ދަމަހައްޓާނަން: ރިޔާ
ރިޔާ ވިދާޅުވީ، ތިންވަނަ ދައުރަކަށް ހޮވިއްޖެ ނަމަ، ވޮލީބޯޅައަށް އިތުރު ކުރިއެރުންތައް ހޯއްދަވައި ދެއްވާނެ ކަމަށާއި އަދި މިހާރު ލިބިފައިވާ ކާމިޔާބީތައް ކުރިއަށް އޮތްތަނުގައި ދަމަހައްޓަވާނޭ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވެސް ހޯދާފައި މިވާ ކުރިއެރުންތައް ހުރިހާ ފަރާތްތަކުން ވެސް ގަބޫލުކުރޭ. އެހެންވީމަ މިހާރުގެ ކުރިއެރުން ދެމެހެއްޓޭނެ،" ރިޔާ ވިދާޅުވި އެވެ.
"ދެން އަޅުގަނޑާ ދެކޮޅަށް މި ނުކުންނަނީ، ވަރަށް ޅަ ދެތިން ކްލަބަކުން. އެހެންކަމުން ކުރިއަށް އޮތް ދައުރުގައި ވެސް އޮންނާނީ ހަމަ މިހާރުގެ ހިންގާ ކޮމެޓީ ކަމާ މެދު ޝައްކެއް ނުކުރަން."

ވީއޭއެމްގެ މިހާރުގެ ހިންގާ ކޮމެޓީ -- ފޮޓޯ: ވީއޭއެމް
ރާއްޖޭގެ ވޮލީބޯޅައިގެ ގައުމީ އިދާރާގެ އިންތިޚާބު ބާއްވަން 10 ވަރަކަށް ދުވަހަށް ވެފައިވާއިރު، އެ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމަށް ރިޔާއާ ދެކޮޅަށް ވާދަކުރައްވާ ކެންޑިޑޭޓް ކާނަލްގެ ހަމައެކަނި ކަންބޮޑުވުމަކީ، އިންތިޚާބު ޝެޑިއުލް ކުރެވިފައިވާ ގޮތަށް ކުރިއަށް ނުގެންދެވި ދާނެތީ އެވެ. އެހެން ނަމަވެސް ރިޔާ ވިދާޅުވީ، އިންތިޚާބު ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެސޯސިއޭޝަނުން ކުރަން ޖެހޭ ހުރިހާ ތައްޔާރީއެއް ވެފައިވާ ކަމަށެވެ.
"ހަމަ ޔަގީނުންވެސް އަޅުގަނޑުމެންގެ ޓީމަކުން މަސައްކަތެއް ނުކުރާނެ އިންތިޚާބު ފަސްކުރާކަށް. އަޅުގަނޑުމެން ބޭނުން 17ގައި މި އިންތިޚާބު ނިންމާލަން. މިއީ ދިރިއުޅުމަށް ކުރާ މަސައްކަތެއް ނޫން، މިއީ ޕެޝަން. ދެން އެހެން ބަޔަކު މީގެ ތެރެއަށް ވަދެ މިކަން ހުއްޓުވަން މަސައްކަތް ކޮށްފިއްޔާ ވާނެގޮތެއް ނޭނގެ،" ރިޔާ ވިދާޅުވިއެވެ.