މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ކޮރަޕްޝަނާ ގުޅިގެން އިދިކޮޅު އެމްޑީޕީ އިން މިއަދު މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައިވާ އިންކުއަރީ ކޮމިޝަނުން މިނިވަން ތަހުގީގެއް ކުރިއަށް ގެންދެވޭނެ ކަމަށް ނުފެންނަ ކަމަށާއި އޯޕަން އިންކުއަރީ އެއް ހުށަހެޅުމަށެވެ.

ރޮޒައިނާ ހުށަހެޅުއްވި ގަރާރު ބޭރުކޮށްލާފައި ވަނީ 39 މެމްބަރުންގެ އިއްތިފާގުންނެވެ. ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ 22 މެމްބަރުންނެވެ.

އެ ގަރާރަށް ބަހުސް ކުރުމަށް ހުޅުވާލި ދޮޅު ގަޑިއިރުގެ ފުރުސަތުގައި މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެމްބަރުންނާ ސަރުކާރު ހިއްސާވާ ޕާޓީތަކުގެ މެމްބަރުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ވަނީ ބަދަލުކޮށްފަ އެވެ. މަޖިލީހުގެ ތަޅުމުގައި ސަރުކާރަށް ތާއީދު ކުރާ މެމްބަރުންނާ އިދިކޮޅު މެމްބަރުންނާ މެދު ބަދަލުކުރެވުނު ހޫނު ބަސްތަކުގައި، އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި ވައްކަމާ ގުޅެ ވަރުގަދަ ތުހުމަތުތަކެއް ވަނީ އަޅުވައިފަ އެވެ.

ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ދައުލަތުގެ އެންމެ މުހިންމު ދެ މުއައްސަސާ ކަމުގައިވާ ތިޖޫރީ އާއި ބަޑިގުދަން ފޫދުއްވާލާފައިވާ ކަމަށެވެ.

ބަހުސްގައި ޕީޕީއެމްގެ މެމްބަރުން ވިދާޅުވީ، މަޖިލީހަކީ ތަހުގީގު ކުރަން އޮންނަ ތަނެއް ނޫން ކަމަށާއި އެ މައްސަަލައިގެ ތަހުގީގު ރައީސް ޔާމީންގެ އިސްނެންންގެވުމަށް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ހިޔާނާތުގައި ބައިވެރިވެފައިވާ ނަމަ، ކޮންމެ މީހެއް ވިޔަސް އެމީހަކާ ދޭތެރޭ ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށާއި ކޯޓު މަރުހަލާ އިން ގާނޫނުގެ ދިގު އަތް އެ މީސްމީހުންނާ ހަމަ އަށް ފޯރާނެ ކަމަށެވެ.

އޭގެ އިތުރުން، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެމްއެމްޕީއާރްސީ އިން ކޮށްފައިވާ ވައްކަން ފޮރުވަން މަސައްކަތް ކުރަނީ އެމްޑީޕީ އިން ކަމަށާއި ހިޔާނާތުގައި ރައީސްގެ ބައިވެރިވުމެއްވާ ނަމަ، އެމަނިކުފާނު މައްސަލަ ތަހުގީގު ކުރައްވަން ނުއެންގެވީސް ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވަނީ ރޮޒައިނާ ހުށަހަޅުއްވާފައި ވަނީ ގަރާރެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"އެމްއެމްޕީއާރުސީގެ ފައިސާ އަށް ހިޔާނާތްތެރިވި އެންމެން ވެސް ޖަލުގެ ކުޑަ ގޮޅިއަށް ދާންޖެހޭނެ ކަމަށް އަޅުގަނޑު ވެސް ދެކެން. އެ މައްސަލަތައް އެ ދަނީ ކަމާ ބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުން. މިގަރާރަކީ ދެ ބޯގެރި ދުއްވުން، ވައްކަން ކުރި އިސްމީޙުން ދިފާއުގައި އެމްޑީޕީން މަސައްކަތް ކުރަމުން އެދަނީ،" ވިލިމާލެ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވި އެވެ.

އެމްޑީޕީއަކީ ވައްކަމާއި ހިޔާނާތްތެރިކަމާ ދެކޮޅު ބައެއް ނަމަ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެފައިވާ ހިޔާނާތްތަކާއި ކޮށްފައިވާ ވައްކަންތައް ތަހުގީގު ކުރަން ނޫޅެނީ ކީއްވެތޯ ޕީޕީއެމް މެމްބަރުން ސުވާލު އުފައްދަވާފަ އެވެ.

ގަރާރަށް ބަހުސް ކުރައްވަމުން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައަކީ ވެރިކަމުގައި ތިއްބެވި ބޭފުޅުން ރޭވިގެން ހިންގެވި ބޮޑު ޖިނާއީ ކުށެއް ކަމަށާއި އެކަމުގެ އަޑީގައި ތިބި މީހުންނަށް އަދަބު ދެވެން ޖެހޭނެ ކަމަށެވެ.

އަދި ރަށްތަކާއި ފަޅު ފަދަ ތަންތަން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ދޫކޮށްފައިވާ އިރު އެކަންކަން ބަލައި ވަގަށް ނެގި ފައިސާ ހޯދައި، އެ އެއްބަސްވުންތައް ބާތިލުކޮށް ރަށްތަކާއި ފަޅުތައް ސަރުކާރަށް ނަގަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަހުސްގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތް ނޫން ކަމަށާއި އެންމެ ބޮޑު ހިޔާނާތަކީ ކުރީގެ ގައުމީ މަސް ކުންފުނި އެފްޕީއައިޑީގެ ހިޔާނާތުގެ މައްސަލަ ކަމަށެވެ.

އަދި އެފަދަ މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމަށް، ސިޔާސީ ވާދަވެރިކަން ދޫކޮށް ގައުމު އިސްލާހު ކުރުމަށް މަސައްކަތް ކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

ބަހުސްގައި އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި ތުހުމަތުތައް އަޅުވަމުން އެންމެ ފަހުން އެމްޑީއޭގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ އެމްޑީޕީގެ މެމްބަރުން ހިޔާނާތުގެ ފައިސާގައި ހިފި ކަމަށާއި އެ ފައިސާ ހިފައިގެން "ބަހަން" ދިޔައީ އޭނާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މިއަދުގެ ބަހުސްގައި ޕީޕީއެމް މެމްބަރުން އެންމެ ބޮޑު ތުހުމަތުތަކެއް ކޮށްފައި ވަނީ މެމްބަރު އަހްމަދު މަހްލޫފަށެވެ. އެގޮތުން މަހްލޫފު ވަރުގެ "ބޮޑު ވަގެއް" ނުހުންނާނެ ކަމަށާއި ކޮރަޕްޝަންގެ ފައިސާގެ އެންމެ ބޮޑު ބައެއް "ކައިލި" މީހަކީ ވެސް މަހްލޫފް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރްސީއާ ގުޅިގެން އޮޑިޓާ ޖެނަރަލް މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ނެރުއްވި އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީ އަށް އެކި ގޮތް ގޮތުން ލިބުނު ފައިސާގެ ތެރެއިން 1.22 ބިލިޔަން ރުފިޔާ އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށެވެ.